ގައުމީ ޓީމަށް ދާދިފަހުން ވެސް ކޯޗުކަން ކޮށްދިން އަލީ ސުޒޭން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗުކަމާ ހަވާލުވެ، މިހާތަނަށް އެ ކްލަބާ އެކު ދިވެހި ޕްރިމިއާ ލީގަށް ނުކުތް ދެ މެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ. ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައި ވެސް އެންމެ ވަރުގަދަ ވާދަވެރިކަމެއް އޮތް ދެ ކްލަބަކަށް ނިއު ރޭޑިއަންޓާއި ވިކްޓްރީ ވާ އިރު، ސުޒޭނަކީ ކުރިން ވިކްޓްރީގެ ރަތް ކުލައިގެ ބޮޑެކެވެ.
ސުޒޭނަކީ މުޅި ފުޓުބޯޅަ ހަޔާތުގެ 40 އަކަށް އަހަރު ވިކްޓަރީގައި ހޭދަ ކުރި، މިހާތަނަށް ރާއްޖެ ދުށް އެންމެ ކާމިޔާބު އެއް ކޯޗެވެ. 2002 ވަނަ އަހަރު ކޯޗިންނަށް ނުކުތީ ވެސް ވިކްޓަރީންނެވެ. ކުޅުނުއިރު ވެސް އެ ޖާޒީ ލިއެވެ. ސުޒޭނަށް ވިކްޓްރީއަކީ އަވަށު ލޯތްބެވެ. އެ ޖަޒުބާތުތަކާއެކު ވެސް ނިއު ރޭޑިއަންޓާ ހަވާލުވެ، ނޫ ކުލައަށް އޭނާ މިހާރު އެދެނީ ކާމިޔާބީއަށެވެ.
ސުޒޭން ބުނީ ކުރިންވެސް ނިއުއިން ލިބުނު ފުރުސަތުތައް ދޫކޮށްލި ކަމަށެވެ. މިފަހަރު ފުރުސަތުގައި ހިފީ، މި ޒަމާނުގެ ފުޓުބޯޅައަށް ބަލައި، މިހާރަކީ ޓްރާންސްފާތައް ހިނގާ، ކްލަބުތައް ޕްރޮފެޝަނަލް ވެފައި އޮތް ޒަމާނަކަށް ވާތީ ކަމަށްވެސް ސުޒޭން ބުންޏެވެ.
"އަޅުގަނޑުމެންނަކީ ވިކްޓްރީ މެޗަކުން ބަލިވީމަ، ގެއަށް ގޮސް ބަންޑުން އޮށޯއްވެ ރޯން ތިބި ޖީލުގެ މީހުން. އޭރު ދެން ނިއު ރޭޑިއަންޓަކީ ވިކްޓްރީ ސަޕޯޓަރުންނަށް ވާދަވެރިއަކަށް ވުރެ ބޮޑަށް ހަތުރެއް. ނިއު އާއި ވިކްޓްރީ ސަޕޯޓަރުންނަށް ވެސް އޭރު ގަބޫލު ކުރެވޭނީ އެގޮތަށް. އޭރު ޓްރާންސްފާ އޮންނަ ޒަމާނެއް ނޫންވީމަ، އަވަށު ލޯބީގައި ކުޅުނީ. އެހެންވީމަ އެއީ ތަފާތު އިހުސާސެއް. އެހެންވީމަ އަހަންނަށް ވެސް ތަފާތު އިހުސާސް ހުންނާނެ. އެ އިހުސާސް ހުއްޓަސް މި ޒަމާނަކީ އެހެން ޒަމާނެއް. އެ އިހުސާސް ހުއްޓަސް އަމިއްލައަށް ކުރާ މަސައްކަތް ކާމިޔާބު ކުރަން އެދޭ ކޯޗެއް އަހަންނަކީ،" މި ހަފުތާ މެޗުތަކަށް ބޭއްވި ޕްރި މެޗު ޕްރެސްގައި ސުޒޭން ބުންޏެވެ.
ސުޒޭނަށް ކުރިން ވިކްޓްރީއާ އެކު ނުހޯދޭ ކާމިޔާބީއެއް ވެސް ނެތެވެ. އެ ކާމިޔާބީތަކުގެ އެންމެ ބޮޑު ވާދަވެރިއަކީ އަބަދުވެސް ނިއު ރޭޑިއަންޓެވެ. ނޫ ކުލައިގެ އެތައް ސަޕޯޓަރުންނެއް އޭރުވެސް ސުޒޭންގެ ހުނަރަށް ސުވާލު ނުއުފައްދާ ނަމަވެސް، ފާޑެއްގެ ފުޓުބޯޅަ ނަފުރަތެއް ކުރާނެތާއެވެ. އެހެން ނަމަވެސް، ސުޒޭން އިހުތިރާމު ދެމެހެއްޓިއެވެ.
މިހާތަނަށް ނިއު ރޭޑިއަންޓުން މި ސީޒަނުގައި ކުޅުނު ދެ މެޗުން ވެސް އެޓީމު މޮޅުވީ ސަޕޯޓަރުންގެ އެހީއާ ވެސް އެކުގައެވެ. ޕްރީ މެޗު ޕްރެސްގައި ސުޒޭން ބުނީ އެ ސަޕޯޓަރުންނަކީ މުޅި ފުޓުބޯޅައަށް ވެސް އުންމީދެއް ކަމަށާއި އެ ސަޕޯޓް އަބަދު ވެސް އޮތުމަކީ ނިއު ރޭޑިއަންޓްގެ ހާއްސަކަން ކަމަށެވެ.
ސީޒަން ފެށުމުގެ ކުރިން ސުޒޭން ބުނީ ނިއު ރޭޑިއަންޓްގެ ޕްލޭން ކަމުދާ ކަމަށެވެ. ނިއު ރޭޑިއަންޓުން ދުރު ރާސްތާ ޕްލޭނެއް ހަދާފައިވާ ކަމަށް ސުޒޭން ބުނި އިރު، އޭނާ ބުނީ ޔަގީންކަމާ އެކު އެ ޕްލޭން ކާމިޔާބުވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި، "ނިއު ރޭޑިއަންޓްގެ އޮފާ ދޫކޮށްނުލެވުނީ،" ކަމަށްވެސް ސުޒޭން ބުންޏެވެ.
މި ހަފުތާގައި ނިއުއިން ކުޅޭ މެޗުގައި މިއަދު ނުކުންނާނީ ކްލަބު ވެލެންސިއާއާ ދެކޮޅަށެވެ. އެއީ ހަވީރު 4:00 ގައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު