ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ފާހަގަކޮށް، އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓަކީ ސިޔާސީ ބޭނުމެއްގައި ނެރެފައިވާ ރިޕޯޓެއްކަން ސާބިތުވާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޭގަނޑު ދަންވަރުގެ ވަގުތެއްގައި މިނިވަން މުއައްސަސާއެއްގެ އޮފީސް ހުޅުވައިގެން ސިޔާސީ ބަޔަކު ލިޔެފައިވާ އޮޑިޓު ރިޕޯޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝާއިއުކުރުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ސައްހަ މައުލޫމާތުތަކެއްތޯ ކަށަވަރުކުރުމުގެ މަސައްކަތް އެ ޕާޓީން ކުރަމުންދާ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އެކަމެއް ބަލައި އިންސާފުވެރި ޝަރީއަތަކުން ގޮތް ކަނޑައެޅުމަށް މަރުހަބާ ކިޔާ ކަމަށާއި ސަރުކާރުގެ ޕްރޮޕަގަންޑާ މެޝިނުން ފަތުރަމުން އަންނަ ތޯތޯ ވާހަކަތަކަށް އެ ޕާޓީން ޖަވާބުދާރީވާނީ އިންސާފުވެރި ޝަރީއަތުގެ މަޖިލީހެއްގައި ކަމަށް އެމްޑީޕީން ބުންޏެވެ.
"މިފަދަ ރިޕޯޓެއް ނެރުނުއިރު އެކަމުގައި ޝާމިލުވާ މީހުންނާއި ކުންފުނިތަކާ އެއްވެސް ސުވާލެއް ކުރުމެއްނެތި މި ރިޕޯޓު އާންމުކުރުމަކީ މިއީ ސިޔާސީ ބޭނުމެއްގައި ނެރެފައިވާ ރިޕޯޓެއްކަން ސާބިތުވާ ކަމެކެވެ. މިއީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު އިލްޒާމު އަޅުވައި އަގު ވައްޓާލުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ..،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ވަނީ، ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކުގެ މައްޗަށް ފުރިހަމަ ބާރު ހިންގަވައި، އޮޑިޓާ ޖެނެރަލް އިބްރާހިމް ނިޔާޒީއަށް މަގާމުން ވަކިކުރާނެ ކަމުގެ ބިރު ދައްކަވައިގެން ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ރިޕޯޓުތައް ނެރެމުންދާ ކަމަށް ވެސް ތުހުމަތުކޮށްފައެވެ.
އެމްޑީޕީން ބުނީ ފެނަކަ ކޯޕަރޭޝަންގެ އޮޑިޓު ރިޕޯޓަކީ މި ސަރުކާރުން އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް ސިޔާސީ ބޭނުމެއްގައި ނެރުނު ރިޕޯޓެއް ކަމަށް ދެކޭ ކަމަށެވެ. އަދި އެ ރިޕޯޓަކީ އަންނަ މަހުގެ ތިންވަނަ ދުވަހު އެ ޕާޓީން ބާއްވާ އެއްވުމަށް ލިބެމުންދާ ތަރުހީބު ފެނި ސަރުކާރަށް ގޮތްހުސްވެގެން ނެރުނު ރިޕޯޓެއް ކަމަށް އެމްޑީޕީން ބުންޏެވެ.
ރައްޔިތުންގެ ނުރުހުން ސަރުކާރަށް އިންތިހާއަށް އޮތުމާއެކު ޕްރޮޕަގަންޑާ ފެތުރުމަށް އަންނަ މަހުގެ ދެވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވެސް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުން ބޮޑެތި ކޮރަޕްޝަންތަކެއް ވަނީ ފާހަގަވެފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައި ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.
އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު އޭރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސައީދުގެ އާއިލީ ތިން ކުންފުންޏަށް ޖުމްލަ 49.7 މިިލިއަން ރުފިޔާގެ ކޮންޓްރެކްޓް މަސައްކަތް ދީފައިވެއެެވެ.
ފެނަކައިން މަޝްރޫއުތަކާ ގުޅުން ހުރި ހަރަދުތައް ކުރުމުގެ ނަމުގައި 26 މިލިއަން ރުފިޔާ އެކައުންޓްތަކަށް ޖަމާކޮށްފައިވާ އިރު، އެ ފައިސާގެ ތެރެއިން 21 މިލިއަން ޖަމާކޮށްފައިވަނީ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ކަމަށާއި އަދި ނަގުދު ފައިސާގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.
އޭގެ އިތުރުން ބިޑަކަށް ހުޅުވައި ނުލައި އަދި އެއްބަސްވުމެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ގެ ހިއްސާ އޮންނަ ސިރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ އަތުން ފެނަކައަށް 112 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެ އޮޑިޓް ރިޕޯޓާ ގުޅިގެން ސައީދު މިއަދު ވިދާޅުވެފައިވަނީ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ ކޯޕަރޭޝަންގެ ބޭނުމަށް ކުރެވިފައިވާ އެންމެހައި ޕްރޮކިއުމަންޓް މުޢާމަލާތްތައް ކުރިއަށް ގެންގޮސްފައިވާނީ ކުންފުނީގެ އެތެރޭގައި ހެދިފައިވާ އެންމެހައި އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ކުންފުނީގެ ބޯޑުން އެކަށައަޅާފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ސައީދު ހަތަރު އަހަރު ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލައަކީ، 2018 އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް 2019 ވަނަ އަހަރު ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ މައްސަލާގައި ސައީދުގެ މައްޗަށް 26 ޑިސެންބަރު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި އެ އަމަލުގެ ސަބަބުން ފެނަކަ ކޯޕަރޭޝަނަށް ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ.
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
ކަމެއް ފަޅާއެރިއަސް ކަމެއްކުރިކަމަކަށް ނުވޭ ސިޔާސީ ޕާޓީތަކުގެ ވެރިންނަށް
ގަލަން - 9 މަސް ކުރިން