އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ބްރެންޓްފޯޑު ކައިރިން ބަލިވެފައިވާ އިރު، އެ މެޗުގައި ކުޅެވުނީ ބްރެންޓްފޯޑުން ބޭނުންވި ކުޅުން ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފިއެވެ.
ޔުނައިޓެޑުން ރޭ ބްރެންޓްފޯޑު ކައިރިން ރަށުން ބޭރުގައި 3-1 އިން ބަލިވެފައިވާ އިރު، އެޓީމުން އަމޯރިމްގެ އިރުޝާދުގެ ދަށުން ލީގުގައި ކުޅުނު 33 މެޗުގެ ތެރެއިން މޮޅުވީ އެންމެ ނުވަ މެޗުންނެވެ. އޭގެ ތެރެއިން 17 މެޗުން ޔުނައިޓެޑް ބަލިވެފައިވާ އިރު، ހަތް މެޗުން ވަނީ އެއްވަރުވެފައެވެ.
މެޗުގެ ފުރަތަމަ 20 މިނެޓް ތެރޭގައި ބްރެންޓްފޯޑުގެ އީގޯ ތިއާގޯ ދެ ގޯލު ޖެހި އިރު، ތިއާގޯގެ ދެވަނަ ގޯލަށް ހަ މިނެޓް ހިނގިތަނާ ބެންޖަމިން ސެސްކޯ ގޯލެއް ޖަހައި ފަރަގު ކުޑަކުރިއެވެ. އޭގެފަހުން ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއެއްވެސް ނާކާމިޔާބުވެފައިވާ އިރު، ބްރެންޓްފޯޑުން މެޗުން ތިން ޕޮއިންޓް ޔަގީންކުރީ ފަހުވަގުތު މަތިއަސް ޖެންސެން ޖެހި ގޯލާވެސް އެކުގައެވެ.
"އަހަރެމެންނަށް މެޗުގައި ކުޅެވުނީ ބްރެންޓްފޯޑުން ކުޅެން ބޭނުންވި ގޭމް. އިދިކޮޅު ޓީމުން ބޭނުންވާ ގޭމް މެޗުގައި ކުޅެން ޖެހިއްޖެނަމަ، އެއީ އުނދަގޫތަކާ ކުރިމަތިވާނެ ކަމެއް. އަހަރެމެން ފުރަތަމަ ބޯޅަތަކާއި ދެވަނަ ބޯޅަތަކުގައިވެސް މަސައްކަތް ކުރީ ހަމަ އެކަހަލަ ގޮތަކަށް. އަހަރެމެންނަށް މެޗު ހަމަޖައްސައެއް ނުލެވުނު، އަހަރެމެނ ބޮޑެތި ބޯޅަތަކެއް ޖަހައިގެން މެޗު އުނދަގޫކޮށްލީ،" އަމޯރިމް ބުންޏެވެ.
މިވަގުތު ޕްރެޝަރުގައި ހުރި އަމޯރިމް ބުނީ ޕެނަލްޓީ ނާކާމިޔާބުވުމަކީވެސް މެޗު އުނދަގޫވި އެއް ސަބަބު ކަމަށާއި، ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
ސަޕޯޓަރުން މައާފުކޮށްދޭނެ ކަމަށް އުންމީދު ނުކުރާ ކަމަށް ބުނެ އަމޯރިމް ބުނީ ދެންވެސް އޮތީ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރުން ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް