ލާއިންސާނީ އިޒްރޭލުން ފަލަސްތީނުގެ ގައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން، އެގައުމު ފުޓުބޯޅައިން ބޭރުކުރުމަށް އެތައް ބަޔަކު ގޮވަމުންދާ އިރު، ތުރުކީގެ ފުޓުބޯޅަ އިދާރާއިންވެސް އެކަމަށް އެދި ޔޫއެފާއާއި ފީފާއަށް ހާއްސަ ސިޓީއެއް ފޮނުވައިފިއެވެ.
ތުރުކީން އެފަދަ ސިޓީއެއް ފީފާއާއި ޔޫއެފާއަށް ފޮނުވާފައި ވަނީ ޔޫއެފާ ޕްރެޝަރުގައި އޮތް ދަނޑިވަޅެއްގައެވެ. ޔޫރަޕްގެ ބައެއް އިތުރު ފުޓުބޯޅަ އެސޯސިއޭޝަންތަކުންވެސް އިޒްރޭލް ފުޓުބޯޅައިން ބޭރުކުރުމަށް ގޮވާލާފައިވާ އިރު، ހަބަރުތައް ބުނާ ގޮތުގައި އެ ޕްރެޝަރުގެ ސަބަބުން ޔޫއެފާއިން ދަނީ ކުއްލި ވޯޓެއް ނަގަން މަޝްވަރާ ކުރަމުންނެވެ.
ތުރުކީ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް އިބްރާހީމް ހާސިއޯސްމަނޮގްލޫ ފޮނުއްވި ސިޓީގައި ވިދާޅުވީ ޔޫއެފާއަކީ އާއްމު އުސޫލާއި އިންސާނިއްޔަތުގެ ދިފާއުގައި އަބަދުވެސް ވާހަކަ ދައްކާ ޖަމިއްޔާއަކަށްވީ ހިނދު، އިޒްރޭލުގެ ލާއިންސާނީ އަމަލުތަކަށް މިހާތަނަށް ދިނީ ބީރު ކަންފަތެއް ކަމަށެވެ.
އޭގެ އިތުރުން އެ ސިޓީގައި ވިދާޅުވެފައި ވަނީ ގައްޒާއާއި ފަލަސްތީނުގެ އެހެން ބައެއް ސަރަހައްދުތަކުގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަކީ ކުޅިވަރުގެ އަސާސީ އުސޫލުތަކުން ބޭރުގެ ކަންކަން ކަމަށާއި، އެ ކަންކަމުގެ ސަބަބުން ފިޔަވަޅު އެޅެން ޖެހޭ ކަމަށެވެ.
މިހާތަނަށް ރިޕޯޓުތައް ދައްކާ ގޮތުން، އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި އެތައް ކުޑަކުދިންނަކާއި އާއްމުން އަދި ކުޅިވަރު އެތުލީޓުންވެސް ވަނީ ޝަހީދުވެގެން ގޮސްފައެވެ. ދާދިފަހުން އދ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލުން ހިންގަމުންދަނީ އިންސާނީ ކަރާމާތަށް ހުތުރު އަމަލެއް ކަމަށާއި، ފުޓުބޯޅައާއި އެހެނިހެން ކުޅިވަރުތަކުންވެސް ހަމަލާތައް ހުއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އިޒްރޭލުން ޔޫއެފާގެ ގައުމެއްގެ ގޮތުގައި ފުޓުބޯޅައިގައި ޝާމިލުވަމުން އަންނަނީ 1974 ވަނަ އަހަރު، އެގައުމު އޭއެފްސީން ބޭރުކުރުމުންނެވެ. އިޒްރޭލަށް ޔޫއެފާގެ މެމްބަރުކަން ރަސްމީކޮށް ދިނީ 1994 ވަނަ އަހަރު ނަމަވެސް، އޭގެ ކުރިން 1991 ވަނަ އަހަރުން ފެށިގެން އިޒްރޭލް ގައުމީ ޓީމު އަންނަނީ ޔޫއެފާގައި ތަމްސީލުކުރަމުންނެވެ.
ޔޫއެފާ
ޔޫއެފާ
ޔޫއެފާ
ޔޫއެފާ