ފެނަކައިން ރަށްރަށުގައި ހިންގި މަޝްރޫއުތަކަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން ޕެޓީ ކޭޝްގެ ގޮތުގައި ދޫކުރި އަދަދު 26 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަންގެ 2021 - 2023 ގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފެކަނައިން މަޝްރޫއުތަކާ ގުޅުން ހުރި ހަރަދުތައް ކުރުމުގެ ނަމުގައި 26 މިލިއަން ރުފިޔާ އެކައުންޓްތަކަށް ޖަމާކޮށްފައިވާއިރު ފައިސާގެ ތެރެއިން 21 މިލިއަން ޖަމާކޮށްފައިވަނީ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވަނީ ރަށްރަށުގައި ޕްރޮޖެކްޓްތައް ހިންގުމަށް ވަގުތީ ގޮތުން ނަގާފައިވާ ޕްރޮޖެކްޓް މެނޭޖަރުންގެ އެކައުންޓްތަކަށެވެ.
ރިޕޯޓުގައި ބުނީ، އެގޮތަށް ދޫކޮށްފައިވާ ޕެޓީ ކޭޝްއިން ކުރާ ހަރަދުތަކަކީ ކުންފުނީގެ ބޭނުމަށް ކުރާ ހަރަދުތަކެއްކަން ސާފު ނުވާ ކަމަށާއި އެހެންކަމުން، އެ ފައިސާއިން ކުންފުނީގެ ބޭނުންތައް ނޫން އެހެން ބޭނުމަކަށް ހަރަދު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
ރިޕޯޓުގައިވާ ގޮތުން، އެމްޑީ ބިއުރޯއިން ޕެޓީ ކޭޝްގެ ގޮތުގައި 6.4 މިލިއަން ރުފިޔާ ހޭދަކުރި އިރު އޭގެ ތެރެއިން 800،000ރ. ހަރަދުކޮށްފައިވާ ގޮތުގެ ތަފްސީލެއް ނުލިބެއެވެ. އަދި 2021 އިން 2023 އަށް ހިންގި ޕްރޮޖެކްޓްތަކުގެ ތެރެއިން 61 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ކޮން ޕްރޮޖެކްޓްތަކަކަން ވެސް ޔަގީން ނުވާ ކަމަށް އޮޓިޑް ރިޕޯޓުގައިވެއެެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި އެ މުއްދަތުގައި ފެނަކައިން ވަނީ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއު ބީލަމުގެ އުސޫލާ ހިލާފަށް އެކި ފަރާތްތަކާ ހަވާލުކޮށްފައެވެ.
ހޮލީވުޑް
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް