ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖެ ސަސްޕެންޑްކޮށްފައި އޮތް ނަމަވެސް، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބޭ ގޮތަށް ލުއިތަކެއް ދޭން ނިންމައިފިއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ނެރުނު ބަޔާނެއްގައި ބުނީ ޑިސެމްބަރު 26 ވަނަ ދުވަހުގެ ނިޔަލަށް ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ މުބާރާތްތަކުގައި ކުޅުމުގެ ހުއްދަ ރާއްޖޭގެ ކުޅުންތެރިންނަށް ލިބިފައިވާ ކަމަށެވެ.
އެމްއޯސީން ބުނީ އެ ނިންމުމާއެކު ރާއްޖޭގެ ކުޅުންތެރިންނަށް ބަހްރޭންގައި އޮންނަ އޭޝިއަން ޔޫތު ގޭމްސްގައިވެސް ބައިވެރިވެވޭނެ ކަމަށާއި، އެހެން ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ރާއްޖޭގެ ކުޅުންތެރިންނަށް ބައިވެރިވެވޭނެ ކަމަށެވެ.
ބީޑަބްލިއުއެފްގެ ސަސްޕެންޝަނުން ބީއޭއެމް ސަލާމަތްކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އާ އަސާސީ ގަވާއިދުގެ ކަންކަން ނިންމައި، ނޮވެމްބަރު މަހަށް އިންތިހާބު ތާވަލުކޮށްފައިވާ އިރު، އެ މަސައްކަތް ކުރަމުް ދަނީ އެމްއޯސީ އަދި ބީއޭއެމްގެ އެންމެ ފަހުން އޮތް ލީޑަޝިޕްގެ މެމްބަރަކު ހިމެނޭ ގޮތަށް ހަދާފައި އެޑް ހޮކް ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.
އެމްއޯސީން ބުނީ ބީޑަބްލިއުއެފްއިން ރާއްޖޭގެ ކުޅުންތެރިންނަށް ލުއިތަކެއް ދޭން ނިންމާފައި ވަނީ އެސޯސިއޭޝަނުގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް ރަނގަޅު މަގުން ދާތީ ކަމަށެވެ.
ރާއްޖޭގެ ކުޅުންތެރިންނަށް ލިބުނު ލުއިތަކާއެކު އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވީ، އެ ނިންމުމަކީ ރާއްޖޭގެ އެތުލީޓުންނަށް ލިބިގެންދިޔަ ބޭނުންތެރި ފުރުސަތެއް ކަމަށެވެ.
"ދުނިޔޭ ބެޑްމިންޓަން ފެޑަރޭޝަނުގެ ނިންމުމަކީ ބުރަ މަސައްކަތާއެކު ރާއްޖެ ތަމްސީލުކުރުމަށް މަސައްކަތް ކުރަމުންދާ އެތުލީޓުންނަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއް. ބެޑްމިންޓަން އެސޯސިއޭޝަނުގެ ރިފޯމް މަސައްކަތަށް އަހަރެމެންނަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދޭން މި ދަނީ މަސައްކަތް ކުރަމުން. އަދި އެސޯސިއޭޝަނުގެ ހިންގުން އެންމެ ހަރުދަނާ ގޮތެއްގައި ހިންގުމަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއްވެސް ދޭން ތައްޔާރު،" ސައްތާރު ވިދާޅުވިއެވެ.
ބީޑަބްލިއުއެފްއިން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑް ކުރަން ނިންމީ މޭ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ނިންމުމާއެކު ރާއްޖޭގެ ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ފުރުސަތު ގެއްލިފައިވާ އިރު، އޭގެފަހުން ރާއްޖޭގެ ކުޅުންތެރިޔަކަށް ބީޑަބްލިއުއެފްއިން ރުހުން ދީފައިވާ މުބާރާތެއްގައި ކުޅެވިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ކުޅުންތެރިންގެ ރޭންކިންނަށް އޭގެ އަސަރުކުރާކަމުގެ ބިރު އެބައޮތެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން