ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ޖަހައިދިން ހިތްގައިމު ހިލޭ ޖެހުމާއެކު ވިކްޓްރީ ސްޕޯޓްސް ކްލަބުން ކްލަބު ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ވިކްޓްރީން ގްރީން ސްޓްރީޓްސް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ވިކްޓްރީން މިހާތަނަށް ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކޮށްފައިވާ އިރު، ގްރީން ސްޓްރީޓްސްއިން މިހާތަނަށް ކުޅުނު ދެމެޗުވެސް ވަނީ ބަލިވެފައެވެ.
މިއަދުގެ މޮޅަކީ ވިކްޓްރީއަށް ހާއްސަ މޮޅެކެވެ. އެޓީމުން 2019 ވަނަ އަހަރު ސަސްޕެންޑްވި ފަހުން، 2022 ވަނަ އަހަރު އަނބުރާ ފުޓުބޯޅައަށް ނުކުތީ ދެވަނަ ޑިވިޝަނަށެވެ. ވިކްޓްރީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ، 2023 ވަނަ އަހަރުއެވެ. އެއީ ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅެގެންނެވެ.
މެޗު ފެށިގެން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފުގައި ހަމަލާތައްވެސް ފެނުނީ މަދުންނެވެ. ވިކްޓްރީގެ ނަޝާހު އަހުމަދު (ނައްޓު)ގެ ދެ ހަމަލާއެއް ފެނިގެން ގޮސްފައިވާ އިރު، ގްރީން ސްޓްރީޓްސްގެ ކީޕަރު އަހުމަދު ރަމީޒުގެ ދެ ސޭވެއް ފެނިގެން ދިޔައެވެ.
ހާފު ނިމެން ދަނިކޮށް ވިކްޓްރީގެ ބިޗަޑް ފޮނުވާލި ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް މާ އެދެވޭ ހަމަލާތަކެއް ފެނިގެން ގޮސްފައެއް ނުވެއެވެ.
ފަހުކޮޅުގައި ދެޓީމުގެ ފަރާތުންވެސް ކޮންމެވެސް ވަރަކަށް ހަމަލާތައް ފެނިގެން ގޮސްފައިވާ އިރު، ވިކްޓްރީގެ ގޯލު ފެނިގެން ދިޔައީ އިތުރު ވަގުތުގައެވެ. އޭރިއާ ބޭރުން ހާފުގެ މެދަށްވުރެ ކުރިން ލިބުނު ހިލޭ ޖެހުން ބިޗަޑް އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ. އެ ބޯޅަ މަތަކުރެވޭތީ ކީޕަރު ރަމީޒު މަސައްކަތް ކުރި ނަމަވެސް، އޭނާ އަތުގައި ބޯޅަ ނުޖެހުނެވެ.
ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭ އޮންނަ މެޗުގައި ވާދަކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު