އަހަރުތަކެއްގެ އިންތިޒާރަށްފަހު ޔޫރަޕްގެ ފުޓުބޯޅައަށް އެނބުރި އައިސް އިނގިރޭސި ޕްރިމިއާ ލީގުގެ ނޮޓިންހަމް ފޮރެސްޓުން ޔޫރޮޕާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރެއާލް ބެޓިސް ކައިރިން 2-2 އިން އެއްވަރުވެއްޖެއެވެ.
ރޭ ފޮރެސްޓުން ކުޅުނު ޔޫރޮޕާ ލީގު، ލީގު ބުރުގެ މެޗަކީ 1996 ވަނަ އަހަރަށްފަހު އެޓީމުން ޔޫރަޕްގެ ބޮޑު މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗެވެ. އެޓީމުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފެށުން ދިޔައީ އެންމެ ރަނގަޅަކަށްވެސް ނޫނެވެ. 15 ވަނަ މިނެޓުގައި ސެޑްރިކް ބަކަމްބޫ ޖެހި ގޯލުން ބެޓިސް ލީޑު ނެގިއެވެ.
މީގެ ކުރިން ދެ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ފޮރެސްޓުން އެ ގޯލަށް ޖަވާބުދޭން މާގިނައިރެއް ނުނަގައެވެ. މެޗުގެ 18 ވަނަ މިނެޓުގައި އީގޯ ޖީސަސް ޖެހި ގޯލުން ލީޑު ނަގައި، 23 ވަނަ މިނެޓުގައި ޖީސަސްގެ ދެވަނަ ގޯލުން ނަތީޖާ އަނބުރާވެސް ލިއެވެ. ޖީސަސްގެ ދެވަނަ ގޯލަކީ އޭނާ ދުރުން ފޮނުވާލި ހަމަލާއެއް ގޯލަށް އަމާޒުކޮށްލައިގެން ފޮރެސްޓުން ޖެހި ގޯލެކެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ބެޓިސްއިން ކުޅުން ރަނގަޅުކޮށް، ނުރައްކާކުރިއެވެ. އޭގެ ނަތީޖާއެއް ގޮތުން، މެޗު ނިމެން ފަސް ވަރަކަށް މިނެޓަށްވެފައި ވަނިކޮށް އެންޓޮނީ ޖެހި ގޯލުން މެޗު އެއްވަރުކޮށް، ބެޓިސްއިން ޕޮއިންޓެއް ހޯދިއެވެ.
ޔޫރޮޕާ ލީގުގެ ލީގު ބުރުގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ނީސްއާއި ރޯމާ ވާދަކުރި މެޗު، ރޯމާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު