އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، އާސެނަލާއި މެންޗެސްޓާ ސިޓީންވެސް ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.

އާސެނަލުން ރަށުން ބޭރުގައި ތިންވަނަ ޑިވިޝަނުގެ ޕޯޓް ވޭލް ކައިރިން 3-0 އިން މޮޅުވެފައިވާ އިރު، ސިޓީން ރަށުން ބޭރުގައި ތިންވަނަ ޑިވިޝަނުގެ ހަޑާސްފީލްޑް ޓައުން ބަލިކުރީވެސް 2-0 ގެ ނަތީޖާއަކުންނެވެ.

އޭގެ އިތުރުންވެސް ރޭ އިނގިރޭސި ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކުން ކުޅުނު މެޗުތައް ވަނީ ކާމިޔާބު ކޮށްފައެވެ. އެގޮތުން ނިއުކާސަލްއިން އަމިއްލަ ދަނޑުގައި ތިންވަނަ ޑިވިޝަނުގެ ބްރެޑްފޯޑް ސިޓީ ބަލިކުރީ 4-1 އިންނެވެ. އަދި ޓޮޓެންހަމްއިން އަމިއްލަ ދަނޑުގައި ތިންވަނަ ޑިވިޝަނުގެ ޑޮންކަސްޓާ ރޯވާސް ބަލިކުރީ 3-0 އިންނެވެ.

ސިޓީން ކުޅުނު މެޗުގައި އިނގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން ގޯލެއް ޖަހައި އެސިސްޓެއްވެސް ފުރިހަމަ ކޮށްދީފައިވާ އިރު، އޭނާގެ ގޯލު ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ.

މެޗުގެ ފުރަތަމަ ކޮޅުގައިވެސް ސިޓީން ނުރައްކާ ބޮޑުކޮށް ފެނިގެން ގޮސްފައިވާ އިރު، 18 ވަނަ މިނެޓުގައި ސިޓީ ލީޑު ނެގިއެވެ. އަލަށް ސިޓީއަށް ކުޅުނު ޑިވައިން މުސާކާއާއެކު ފޮޑެން ހެދި ވަން ޓޫގެ ބޭނުން ހިފައި، އޭނާ ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ.

ދެވަނަ ހާފުގައި ގޯލަކަށް ކުރި މަސައްކަތުގައި ގިނަ ހަމަލާތަކެއް އުފެއްދި ސިޓީން ދެވަނަ ގޯލެއް ޖެހީ މެޗު ނިމެން 15 ވަރަކަށް މިނެޓަށްވެފައި ވަނިކޮށެވެ. އެ ގޯލު ޖަހައިދިނީ ސަވީނިއޯއެވެ.

އާސެނަލުން ރޭ ޕޯޓް ވޭލާ ދެކޮޅަށް ކުޅުނު މެޗުގެ އަށްވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ އެބެރެޗީ އެޒޭއެވެ. އެއީ އެޒޭ އާސެނަލަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އެ ގޯލަށް ފުރުސަތު ތަނަވަސް ކޮށްދިނީ މިކޭލް މެރީނޯއެވެ.

ވަރުގަދަ ފުރަތަމަ 11 އަކާއެކު މެޗަށް ނުކުތް އާސެނަލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެޓީމަށް ދެވަނަ ގޯލެއް ޖަހަން އުނދަގޫތަކާ ކުރިމަތިވިއެވެ. ނަތީޖާއެއްގެ ގޮތުން ޕޯޓް ވޭލްއިން ނުރައްކާވެސް ކުރިއެވެ.

ހާއްސަކޮށް އާސެނަލް ފަަހަތުން ކްރިސްތިއަން މޮސްކޭރާއާއި ކީޕަރު ކެޕާ އަރީޒާބަލާގާ އަތުން ހެދުނު ގޯހެއްގައި ޕޯޓް ވޭލް އެއްވަރުނުކުރީވެސް ކިރިޔާއެވެ.

އެހެން އުނދަގޫކޮށް ދަނިކޮށް މެޗުގައި އާސެނަލްގެ ދެވަނަ ގޯލު ޖަހައި، އެޓީމު ހަމަޖައްސާލީ ލެއާންޑްރޯ ޓްރޮސާޑެވެ. ވިލިއަމް ސަލީބާގެ ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލް ކޮށްލައި، އޭނާ އަމާޒުކޮށްލީ ތިރީ ކަނަށެވެ.

ލީގު ކަޕްގެ ގަދަ 16ގެ ގުރުވެސް ރޭ ނަގާފައިވާ އިރު، އާސެނަލް ނުކުންނާނީ ބްރައިޓަންއާ ދެކޮލަށެވެ. ލިވަޕޫލާއި ކްރިސްޓަލް ޕެލެސް ވާދަކުރަން ޖެހޭ އިރު، ސިޓީ ނުކުންނަން ޖެހޭނީ ދެވަނަ ޑިވިޝަނުގެ ސްވަންސީ ސިޓީއާ ދެކޮޅަށެވެ. ޗެލްސީން ވުލްވްސްއާ ދެކޮޅަށް ނުކުންނަ އިރު، ޓޮޓެންހަމް ވާދަކުރަން ޖެހުނީ ނިއުކާސަލްއާ ދެކޮޅަށެވެ.