މާފަންނު ސްޓޭޑިއަމް ސަރަހައްދަށް އިންގިލާބީ ބަދަލެއް ގެނެސް، ފުޓްބޯލް އެރީނާއަކާއެކު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ބޮޑު އޮފީސް އިމާރާތެއް ހަދަން ފީފާއިން ދިން ފަންޑުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީން ބަލަން ނިންމައިފިއެވެ.
އެފްއޭއެމްއިން އިއްޔެ ބޭއްވި އެކްސްކޯ ބައްދަލުވުމުގައި ނިންމާފައި ވަނީ 01 ފެބްރުއަރީ 2017 ވަނަ ދުވަހުން ފެށިގެން 50 އަހަރުގެ މުއްދަތަކަށް ފީފާ ފޯވާޑްސް ޕްރޮޖެކްޓްސް ހިންގުމަށް ހާއްސަކޮށް، ސްޕޯޓްސް މިނިސްޓްރީން އެފްއޭއެމްއަށް ދޫކޮށްފައިވާ މާފަންނު ސްޓޭޑިއަމްގައި ފީފާއިން ހަރަދުކޮށް، އިމާރާތްކުރުމަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ކުރެހުންތަކަަށް ފީފާގެ ހުއްދަ ނެތި ބަދަލު ގެނެސް، ގުދަންބަރި ހެދުމަށް ނިންމާފައިވާ މައްސަލަ ބަލަން އެތިކްސް ކޮމިޓީއަށް ފޮނުވާފައިގެން ބެލުމަށެވެ.
އެ ނިންމުމުގައި ބުނެފައި ވަނީ މާފަންނު ސްޓޭޑިއަމްގެ ބިންތައް އެފްއޭއެމްގެ ސައްހަ ލިޔެކިޔުންތަކެއް ނެތި، އެކި ފަރާތްތަކަށް ގުދަން ހެދުމަށާއި، އެހެނިހެން އެކި ކަންކަމަށް ދޫކޮށްފައިވާ ކަމަށެވެ.
މާފަންނު ސްޓޭޑިއަމްއިން ހިލާލީ މަގަށް ވާގޮތަށް ފެންނަން ހުރި ގުދަން ބަރިއަކީ ބޮޑު އޮޅުވައިލުމެކެވެ. ދެބުރިއަށް ހަދާފައިވާ އެ އިމާރާތުގެ ތިރީ ބަރި އެއްކޮށް ކަހަލަ ގޮތަކަށް ގުދަން ހަދަން ވިޔަފާރިތަކަށް ކުއްޔަށް ދީފައިވާ އިރު، އޭގެ އަނެއް ފަރާތުން ދަނޑުތައް އޮތްތަންވެސް އޮތީ ވީރާނާވެ، ޕާކިން ޒޯނަކަށް ބަދަލުވެފައެވެ. އެ ވީރާނާ ވެފައިވާ ސަރަހައްދާއި ގުދަން ބަރިއަކީވެސް ފީފާއިން ފަންޑު ކޮށްފައިވާ ބޮޑު ޕްރޮޖެކްޓެކެވެ.
ފީފާގެ ފޯވަޑް ޕްރޮގްރާމުގެ ދަށުން، މާފަންނު ސްޓޭޑިއަމްގައި ޓާފް ދަނޑު ތަރައްގީކޮށް، އެފްއޭއެމްގެ މަލަމަތި ބަދަލުކޮށްލާނެ އޮފީސް އިމާރާތެއް ހަދަން 1.48 މިލިއަން ޑޮލަރު ހަމަޖެއްސީ 2018 ވަނަ އަހަރުއެވެ. 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު، އެ މަސައްކަތް ޓިބާރޯ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ 1.55 މިލިއަން ޑޮލަރަށެވެ. އެއީ ބާކީ ފައިސާ އެފްއޭއެމްއިން ދޭ ގޮތަށެވެ.
މާފަންނު ސްޓޭޑިއަމް ޕްރޮޖެކްޓްގައި އެފްއޭއެމުން ފައިސާ ދިން ހަމައެކަނި ކުންފުންޏަކީ ޓިބާރޯ އެވެ. 28 ޖެނުއަރީ 2021 ގައި އެފްއޭއެމުން މާފަންނު ޕްރޮޖެކްޓްގެ 444،000 ޑޮލަރު ޓިބާރޯއަށް ސިންގަލް ޕޭމަންޓަކުން ޖަމާކުރިކަމަށް ފީފާއިން ބުނެފައިވެއެވެ. އެހިސާބުން ޓިބާރޯއަށް މަސައްކަތް ނުކުރެވި، 31 މާޗު 2020 ގައި މާފަންނު ޕްރޮޖެކްޓް، އެޕޯލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑަށް ސަބް ކޮންޓްރެކްޓް އުސޫލުން ހަވާލުކުރިއެވެ.
މާފަންނު ސްޓޭޑިއަމް ޕްރޮޖެކްޓަށް ޓިބާރޯއަށް ދެއްކި ފައިސާގެ އިތުރުން، އެ އިމާރާތުގައި މިހާރު ހުރި ތަން ހެދި އެޕޯލޯއަށް އެފްއޭއެމުން އެއްވެސް ފައިސާއެއް ނުދައްކާ ކަމަށް ފީފާގެ ފޮރެންސިކް އިންވެސްޓިގޭޝަނުން، އޭރުގެ އެފްއޭއެމް ރައީސް ބައްސާމް އަދީލާ ދެކޮޅަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް، (ކާސް)އަށް ހުށަހަޅައިފައިވާ ހެކީގައިވެއެވެ.
ޕްރޮޖެކްޓްގެ ބާކީ ފައިސާ އެޕޯލޯއަށް ދިނުމުގެ ބަދަލުގައި އެފްއޭއެމުން އެޕޯލޯ ރުއްސާލީ، 845،000 ޑޮލަރު (13 މިލިއަން ރުފިޔާ)އަށް އަގުކުރެވޭ ބިމެއް، ހުޅުމާލޭ ފުޓުބޯޅަ ސްކޫލުން ދީގެންނެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް