މިހާރު ފެށިގެން ކުރިއަށްދާ ސީޒަނަށް ބަލައިގެން ދޭން ނިންމާފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެވޯޑްސް ކޮމިޓީގެ ޗެއާމަނަކަށް ކުރީގެ މަޝްހޫރު ގޯލްކީޕަރު އަދި ކާމިޔާބު ކޯޗު، މައުރޫފް އަހުމަދު (މާއްޓޭ) ހަމަޖައްސައިފިއެވެ.

މީގެ ކުރިން އެފްއޭއެމްއިން ފުޓުބޯޅައަށް ހާއްސަކޮށް އެންމެފަހުން އެވޯޑު ދީފައި ވަނީ 2018 ވަނަ އަހަރުއެވެ. އޭރު އެވޯޑު ދެމުންދިޔައީ މޯލްޑިވްސް ފުޓްބޯލްއާ ގުޅިގެންނެވެ.

އޭގެފަހުން އެފްއޭއެމްއިން ފުޓުބޯޅައަށް ހާއްސަ އެވޯޑް ހަފުލާއެއް ބާއްވާފައި ނުވާ އިރު، އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ހޮވީ 2022 ވަނަ އަހަރު ބާއްވަން ފެށި މޯލްޑިވްސް ސްޕޯޓްސް އެވޯޑު ގައެވެ. ސްޕޯޓްސް މިނިސްޓްރީން ބާއްވާ އެ ހަފުލާގައި އެންމެފަހުން ހޮވި، އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކީ ކްލަބު އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

މެދުކެނޑުމަކަށްފަހު އަލުން އެފްއޭއެމް އެވޯޑްސް ތައާރަފު ކޮށްފައިވާ އިރު، މިފަހަރު އެފްއޭއެމް އެވޯޑްސްގައި ފުޓްސަލް މޮޅު ކުޅުންތެރިޔާގެ އިތުރުން ސަޕޯޓަރުންގެ އެންމެ މަގުބޫލު ކުޅުންތެރިޔާވެސް ހިމަނާފައިވެއެވެ.

އެވޯޑު ދޭ ކެޓަގަރީތައް

  • އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ (1، 2 އަދި 3)
  • އެންމެ މޮޅު ފުޓުބޯޅަ ކޯޗް
  • އެންމެ މޮޅު ފުޓުބޯޅަ ކުލަބު
  • 21 އަހަރުންދަށުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ
  • ރާއްޖޭން ބޭރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ
  • ރަން ބޫޓް (އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ)
  • ރަން އަންގި (އެންމެ މޮޅު ގޯލްކީޕަރު)
  • އެންމެ މޮޅު ފުޓުބޯޅަ ރެފްރީ
  • އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާ
  • އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ
  • އެންމެ މޮޅު ގޯލް
  • ސަޕޯޓަރުންގެ އެންމެ މަގުބޫލު ކުޅުންތެރިޔާ

އެވޯޑު ކޮމިޓީއަށް، ޗެއާޕާސަނަކަށް މާއްޓޭ ހަމަޖައްސާފައިވާ އިރު، ޑެޕިއުޓީ ޗެއާޕާސަނަކަށް ހަމަޖައްސާފައި ވަނީ އަބްދުލް ހާމިދު އަބްދުލްގަފޫރެވެ. މާއްޓޭއާއި ހާމިދަކީވެސް ކުޅިވަރުގެ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ ދެބޭފުޅުންނެވެ.

އޭގެ އިތުރުން ދެން ކޮމިޓީގައި ހިމަނަން ނިންމާފައި ވަނީ ހަވީރު އެވޯޑްސް ކޮމިޓީގައި ހިމެނުނު މުހައްމަދު ޝަހީބާއި ކުރީގެ ރެފްރީ އަހުމަދު އަބީރު އިސްމާއީލާއި ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗެވެ.