ހުޅުމާލޭގެ މަގުތަކުގައި އިތުރު ސްޕީޑް ބަމްޕް ހަރުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އެޗްޑީސީން މިއަދު މީޑިޔާތަކަށް ބުނީ ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގެ މަގުތަކުގައި އިތުރު ސްޕީޑް ބަމްޕް ހަރުކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

"މިއީ، ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ، އެކްސިޑެންޓްތައް ހިނގުން މަދުކުރުމާއި ހުޅުމާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް އެޗްޑީސީން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ޕްރޮޖެކްޓެއް،" އެޗްޑީސީން ބުންޏެވެ.

އެ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގެ އެކި މަގުތަކުގެ 88 ސަރަހައްދެއްގައި ސްޕީޑް ބަމްޕް ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މިވަގުތު މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ފޭސް 2 ގެ ނިރޮޅުމަގު ސަރަހައްދުގައި ކަމަށެވެ.

ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު، ބައެއް ސަރަހައްދުތަކުގައި ވައްބުރު (ރައުންޑެބައުޓްސް) ގާއިމްކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުގެ މަސައްކަތް އެޗްޑީސީން ފެށީ މިދިޔަ އަހަރުއެވެ.

އެޗްޑީސީން އިތުރަށް ބުނީ މިހާރު ކުރިއަށްދާ ސްޕީޑް ބަމްޕުތައް ގާއިމްކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ މަގުތަކުގައި ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވުން މަދުވެ، ވެހިކަލްތަކާއި ހިނގާ މީހުންނަށް ވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވެގެންދާނެ ކަމަށެވެ.

އެ ކޯޕަރޭޝަނުން އަބަދު ވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށެވެ.