ތ. ވިލުފުށި އެއާޕޯޓު ތަރައްގީކޮށް އޮޕަރޭޓްކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފިއެވެ.

ވިލުފުށި އެއާޕޯޓު ތަރައްގީކޮށް އޮޕަރޭޓްކުރުމަށް އެމްއޭސީއެލްއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިއަދު އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

އެމްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއިއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދުއެވެ. އަދި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރުއެވެ.

އެ މަޝްރޫއުގެ ދަށުން ވިލުފުށި އެއާޕޯޓް ތަރައްގީ ކުރާނީ 1,800 މީޓަރު ދިގު ރަންވޭއަކާއި ފުރިހަމަ ޓާމިނަލްއަކާއި އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކުގައި ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ވިލުފުށީ ރައްޔިތުންނާއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ރައީސް ވަނީ ވިލުފުށީ އެއާޕޯޓަކީ ތ. އަތޮޅަށް ވަރަށް މުހިންމު މަޝްރޫއުއަކަށްވާތީ ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި އެއާޕޯޓްގެ މަސައްކަތް ނިންމައި ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ.