އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖޭގެ ފުޓްސަލް ޓީމުން މިއަދު ކުޅުނު ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ހޯސްޓް، މިޔަންމާ ކައިރިން ބަލިވެއްޖެއެވެ.

ދުނިޔޭ ފުޓްސަލް ރޭންކިންގެ 56 ވަނައިގައި އޮތް މިޔަންމާއާ ދެކޮޅަށް، ގައުމީ ފުޓްސަލް ޓީމުން އެގައުމުގެ އެމްއެފްއެފް ފުޓްސަލް އިންޑޯގައި ކުޅުނު މެޗުން ބަލިވީ 7-3 ގެ ނަތީޖާއަކުންނެވެ.

ދުނިޔޭ ފުޓްސަލް ރޭންކިންގެ 106 ވަނައިގައި އޮތް ރާއްޖެއިން މިއަދުގެ މެޗަށް ނުކުތީ ވަރުގަދަ އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުން 10-1 އިން ބަލިވެފައި އޮވެގެންނެވެ. 2023 ވަނަ އަހަރު ކޮލިފިކޭޝަން ނަތީޖާތަކާ އަޅާ ބަލާއިރު، މިފަހަރުގެ ނަތީޖާތަށް ރާއްޖެއިން ރަނގަޅުކުރިއެވެ.

އިންޑޯ ފެސިލިޓީއެއް ނެތި، ޓާފްގައި ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށްފަހު ރާއްޖެއިން މިފަހަރުގެ ކޮލިފިކޭޝަނަށް ގޮސްފައިވާ އިރު، މިއަދުގެ މެޗުގެ ކުރީކޮޅުގައި ރާއްޖެއިން ހިތްވަރުކުރިއެވެ.

ފުރަތަމަ ފަށައިގެން މިޔަންމާގެ ޔޭން މިން ސޯއާއި މިން ހާންތު ތޫގެ ގޯލުތަކުން އެޓީމުން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް، ރާއްޖޭގެ އިޝާން އިބްރާހީމް (ސައްޓު) އާއި އަލީ ޝިޔާހް (ޝިޔާ)ގެ ގޯލުތަކުން އެއްވަރުކުރިއެވެ.

އެ ދެ ގޯލާއެކު މިޔަންމާއަށް ކުރިއަށް ޖެހެން މަޖުބޫރުވެ، ކުޅުން އަވަސްކޮށްފައިވާ އިރު، ހާފު ނިންމާލީ 5-2 ގެ ނަތީޖާއަކުންނެވެ. ދެން އެޓީމުގެ ގޯލުތައް ޖެހީ އޯން ޒިން އޯއާއި ޔޭންއެވެ. ޔޭން ވަނީ ދެ ގޯލާއެކު ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މިޔަންމާއިން ދެވަނަ ހާފުގައި ޔޯ އެމްޔިންޓާއި ސޯއީއައި އޯންގް ޖެހި ގޯލުތަކުން ލީޑު ފުޅާކުރި އިރު، ރާއްޖޭގެ ތިންވަނަ ގޯލު އަމިއްލަ ހާފު ތެރެއިން ޖަހައިދިނީ ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ.

ގްރޫޕްގެ އެއްވަނައަށް އޭޝިއަން ކަޕަށް ކޮލިފައިވެވޭ އިރު، އެންމެ ނަތީޖާ ރަނގަޅު ދެވަނަ ޓީމުތަކުގެ ތެރެއިންވެސް ހަތް ޓީމަކަށް އޭޝިއަން ކަޕަށް ދެވޭނެއެވެ. އެއީ އަށް ގްރޫޕުންނެވެ. ރާއްޖެ ހިމެނޭ ގްރޫޕުން ސީދާ ކޮލިފިކޭޝަން ޔަގީންވާ ޓީމުތައް އެނގޭނީ މިޔަންމާއާއި އަފްގާނިސްތާން ވާދަކުރާ މެޗަށްފަހުއެވެ.