ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ގެޓާފޭ ބަލިކޮށްފިއެވެ.

ރޭގެ މެޗު ބާސާއަށް މުހިއްމެވެފައި އޮތީ ލީގުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ޕްރެޝަރު ދެމެހެއްޓުމަށެވެ. ބާސާގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން 3-0 އިން ގެޓާފޭ ބަލިކޮށްފައިވާ އިރު، އެޓީމުވެސް އަދި މިހާތަނަށް ބަލިވެފައެއް ނުވެއެވެ.

ބާސާއިން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މޮޅު ހޯދައި، އެއް މެޗުން އެއްވަރުވެފައިވާ އިރު، އެޓީމަށް ވަނީ 13 ޕޮއިންޓް ލިބިފައެވެ. ބާސާ ދެވަނައިގައި އޮތް އިރު، އެއްވަނައިގައި ރެއާލް އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކުގައެވެ.

ބާސާއިން ވަނީ މެޗުގެ ކުރީކޮޅުގައި ލީޑު ނަގައިފައެވެ. 15 ވަނަ މިނެޓުގައި އެޓީމަށް ގޯލު ޖަހައިދިނީ ފެރާން ޓޮރޭސްއެވެ. މެދުތެރެއިން ރަފީނިއާއި ޑެނީ އޮލްމީގެ ރަނގަޅު ކޮމްބިނޭޝަނަކުން ތަނަވަސްކުރި ފުރުސަތު ޓޮރޭސް ގޯލަށް ނިންމާލީ ފަސޭހަ ކަމާއެކުގައެވެ.

އޭގެފަހުންވެސް ބާސާ ނުރައްކާ ބޮޑުކޮށްފައިވާ އިރު، ހާފު ނިމުމުގެ ކުރިން ބާސާ ދެވަނަ ގޯލެއްވެސް ޖެހިއެވެ. ރަފީނިއާގެ ރަނގަޅު މަސައްކަތަކުން އެ ގޯލުވެސް ޓޮރޭސް ޖެހި އިރު، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ އޮލްމޯ ވަނީ ބާސާއަށް ތިންވަނަ ގޯލެއްވެސް ޖަހައިދީފައެވެ.

އެ ގޯލާއެކު ބާސާއިން މެޗުން ތިން ޕޮއިންޓް ޔަގީންކުރިއެވެ.