ފ. ނިލަންދޫ ކައުންސިލު އިދާރާގެ އާ އިމާރާތުގެ ބިންގާއަޅައިފި އެވެ.

ނިލަންދޫ ކައުންސިލު އިދާރާގެ ބިންގާ އަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނިލަންދޫގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ކައުންސިލު އިދާރާގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސިޓީޒް އެންޑް ލޯކަލް ގަވަމަންޓް އާދަމް ޝަރީފް އުމަރު އެވެ. މިނިސްޓަރުގެ އަރިއަހުގައި ނިލަންދޫ ދާއިރާގެ މެންބަރު ފަތިމަތު ސައުދާ އަދި އެރަށު ކައުންސިލްގެ ރައީސް އަލީ އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

21 ސެޕްޓެނަބަރު 2025: ފ. ނިލަންދޫ ކައުންސިލުގެ އާ އިމާރާތުގެ ބިންގާއެޅުން --- ފޮޓޯ/ ރައީސް އޮފީސް

އެ މަސައްކަތަކީ ބާވެ ވީރާނާ ވެފައިވާ ކައުންސިލު އިދާރާގެ އިމާރާތް އާކޮށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލު އިދާރާތައް އާ އިމާރާތްތަކަށް ބަދަލުކޮށް ތަރައްގީކުރުމެވެ.

އެގޮތުން އަތޮޅުތެރޭގެ 55 ކައުންސިލެއްގެ އާ އިމާރާތް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް އާރުސީސީއާ ވަނީ ހަވާލުކޮށްފައެވެ. 631 މިލިޔަން ރުފިޔާގެ އެ މަޝްރޫއު ނިމޭއެރު، ކައުންސިލް އިދާރާގެ ގޯތީގެ ވަށައިފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރު ހަމަކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ސިޓީޒް އެންޑް ލޯކަލް ގަވާމަންޓުން ބުންޏެވެ.