ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އިއްޔެ ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު ކައިރިން ތަފާތު ބޮޑު މޮޅެއް ހޯދައިފިއެވެ.

ގައުމީ ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ނިއުއިން 6-0 އިން މޮޅުވެފައިވާ އިރު، އިއްޔެގެ މެޗަކީ 2019 ވަނަ އަހަރަށްފަހު ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗެވެ. އެފްއޭއެމްއިން 2019 ވަނަ އަހަރު ނިއު ސަސްޕެންޑް ކޮށްފައިވާ އިރު، އޭގެ ފަހުން ކުޅުމަށް އެނބުރި ނުކުތީ 2022 ވަނަ އަހަރުއެވެ. އޭގެފަހުން ދެފަހަރު ދެވަނަ ޑިވިޝަން ކުޅުނު ނަމަވެސް ނިއު ޕްރޮމޯޓްވެފައެއް ނުވެއެވެ.

ނިއު މިފަހަރު ފުރަތަމަ ޑިވިޝަނަށް ނުކުތީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަން ދޫކޮށްލުމުން، އެޓީމުގެ ބަދަލުގައެވެ.

މެޗުގެ ކުރީކޮޅުގައިވެސް ނިއުއިން ބޮޑަށް ޑޮމިނޭޓް ކޮށްގެން ކުޅެފައިވާ އިރު، އެޓީމުން ފުރަތަމަ ގޯލު ޖެހީ 23 ވަނަ މިނެޓުގައެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދޫކޮށް ޓީމަށް ބަދަލުވި މުހައްމަދު އިރުފާން (އިރޭ) އެވެ.

އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ނިއުއިން 39 ވަނަ މިނެޓުގައި ލީޑު ފުޅާކުރިއެވެ. އެ ގޯލު ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. ހަތަރު ވަނަ ފަހަރަށް ނިއުއަށް ކުޅެމުންދާ ސެންޓޭ ގޯލު ޖެހީ ހިލޭ ޖެހުމެއް ކަނަށް އަމާޒުކޮށްލައިގެންނެވެ.

ނިއުއިން ފަހު ހާފުގައި ނުރައްކާ ބޮޑުކުރި އިރު، އެޓީމުގެ ގޯލުތައް ޖެހީ ހަސަން އަޒޫމް އަލީއާއި ސެންޓޭގެ އިތުރުން ހަސަން ރާއިފް އަހުމަދު (ހަންނަ)އެވެ.