މިރޭ ފަށާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރެފްރީކަން ކުރުމަށް ނޭޕާލްގެ ތަޖުރިބާކާރު ހަތަރު ރެފްރީއަކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމްއިން) ގެނެސްފިއެވެ.
އެފްއޭއެމްއިން ބުނީ އެ ރެފްރީން ގެނެސްފައި ވަނީ އޯލް ނޭޕާލް ފުޓްބޯލް ފެޑެރޭޝަންގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އޭގެ ތެރެއިން ތިން ރެފްރީންނަކީ ފީފާ ރެފްރީން ކަމަށް އެފްއޭއެމްއިން ބުނެފައިވާ އިރު، އަނެއް ރެފްރީއަކީ ގައުމީ ލެވެލްގެ ރެފްރީއެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެފްއޭއެމްއިން ބުނީ އެ ހަތަރު ރެފްރީން ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ކްލަބު ފުޓުބޯޅަ ހުއްޓިފައި އޮންނަތާ ގާތްގަނޑަކަށް ދެ އަހަރުވެފައި އޮތުމާއެކު، ޕްރިމިއާ ލީގަށް ތައްޔާރުވާން ދިވެހި ރެފްރީންނަށް ވަގުތު ދިނުމަށް ކަމަށެވެ. އަދި އޭގެ އިތުރުން ނޭޕާލް ރެފްރީންނާއެކު މަސައްކަތްކޮށް، އެ ތަޖުރިބާއާއެކު ރާއްޖޭ ރެފްރީންގެ ގާބިލުކަން އިތުރުކުރުމަކީވެސް އޭގެ އިތުރު މަގުސަދެއްގެ ގޮތުގައި އެފްއޭއެމްއިން ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން އެފްއޭއެމްއިން ބުނީ އެ އިދާރާއިން އަބަދުވެސް އިސްކަން ދެނީ ދިވެހި ރެފްރީންނަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ދީ، ގާބިލުކަން އިތުރުކުރުމަށް ކަމަށާއި، އެފަދަ ޕްރޮގްރާމްތައް ސީޒަން ތެރޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.
ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ފީފާ ރެފްރީންނަށް އެކަށީގެންވާ މެޗުތައް ލިބުން ދަތިވެފައިވާ އިރު، އޭގެ ތެރެއިން ބައެއް ރެފްރީންނަކީ ސަރަހައްދީ ލެވެލްއެއްގައިވެސް ފާހަގަކޮށްލެވޭ ރެފްރީންނެވެ. އެގޮތުން ސާފްގެ އެކިއެކި މުބާރާތްތަކުގައި ރާއްޖޭގެ ރެފްރީން މިހާރުވެސް ފެނިގެން ދެއެވެ.
އެފްއޭއެމްއިން މީގެ ކުރިންވެސް ލީގުގައި ބައެއް ފަހަރު ބިދޭސީ ރެފްރީން ބޭނުންކޮށްފައިވެއެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް