ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ޓީމުގެ ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން ގެނައި ނައިޖީރިއާއަށް ނިސްބަތްވާ ދެ ކުޅުންތެރިޔަކު، ޓްރަޔަލްއިން ފާސް ނުވުމުން ޓިކެޓް ނަގައިދީ، ގައުމަށް އެނބުރި ފޮނުވާލަން ހަމަޖައްސާފައި އޮއްވައި، އެ ދެކުޅުންތެރިން ކްލަބަށް ފިލައިގެން އުޅޭ ކަމަށް ކްލަބު ވެލެންސިއާއިން ބުނެފިއެވެ.
މިދިޔަ ފަސް ވަރަކަށް އަހަރުގައި ވެލެންސިއާއަށްވެސް މާލީ ހާލަތު ދަށްވެ، ބިދޭސީ ކުޅުންތެރިންގެ މުސާރަތަކުގެ މައްސަލަ ޖެހިފައިވެއެވެ. އެ ކްލަބަށް ކުރިން އެ ހާލަތު ދިމާވެ، ނުދެވި ހުރި މުސާރައިގެ މައްސަލައިގައި ފީފާއިން 2022 ވަނަ އަހަރުގެ ޖޫން މަހު އަދަބުވެސް ދިނެވެ. އެއީ އެއްވެސް ކުޅުންތެރިއަކު ޓީމުގައި ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ދިން އަދަބެކެވެ.
އެހެން އަދަބު ދީފައި އޮތް ނަމަވެސް، އޭގެފަހުން ފެށި ސީޒަނުގައި އެފްއޭއެމްއިން އެ ކްލަބަށް ކުޅުންތެރިން ރަޖިސްޓްރީ ކޮށްދިނެވެ. އެއީ އެހެން ބައިވަރު ކްލަބުތަކަކަށްވެސް އަދަބު ލިބިފައި އޮއްވައި، އެފްއޭއެމްއިން އެކަން އެގޮތަށް ނިންމައިގެންނެވެ. އެ މައްސަލައިގައި ފަހުން ފީފާއިން ފިޔަވަޅު އެޅީ އެފްއޭއެމްއަށެވެ.
ވެލެންސިއާއިން އެ ހާލަތުން އަރައިގަނެ، މިފަހަރުގެ ސީޒަނަށް ނުކުންނަނީ ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާގެ ދަރަނި ދައްކައި ހަލާސްކޮށްގެންނެވެ. އެޓީމުން ސްކޮޑު އެކުލަވާލަން މަސައްކަތް ކުރަމުންދާ އިރު، ކްލަބުގެ ޗެއާމަން އަބްދުﷲ އަޒްމީން "ވަން ސްޕޯޓްސް"އަށް ވިދާޅުވީ، ނައިޖީރިއާގެ ދެ ކުޅުންތެރިން ޓްރަޔަލްއަށް އައީ އަމިއްލައަށް އެދިގެން ކަމަށާއި، އެ ކުޅުންތެރިން އައީ ހުނަރު ސާބިތުކޮށްދޭނެ ކަމަށް ބުނެ، އަމިއްލަ ހަރަދުގައި ކަމަށެވެ.
އެހެންނަމަވެސް، ޓްރަޔަލްގައި ދެ ކުޅުންތެރިން ދެއްކި ކުޅުމަށްވެސް، ޓީމުގެ ޓެކްނިލް ޓީމު ހިތްހަމަ ނުޖެހިގެން، އަނބުރާ ގައުމަށް ފޮނުވާލުމަށް ޓިކެޓްވެސް ނަގައިދީފައިވާނެ ކަމަށް އަޒްމީން ވިދާޅުވިއެވެ.
"އެކުޅުންތެރިން ވެލެންސިއާގެ ޕްރެކްޓިހަށް ޖޮއިން ކުރި ހިސާބުން ފެށިގެން އެކި ކަންކަމަށް 150،000 އެއްހާ ރުފިޔާ ހަރަދުކޮށްފައި، ޓިކެޓާ ހުރިހާ އެއްޗެއް ހަމަޖައްސައިދީފައި ކަންކަން ކޮށްދިނުމުން، ފުރަން އޮތް ދުވަހު އެއާޕޯޓަށް ގެންދަން ބަލާދިޔަ އިރު، އެޕާޓްމަންޓްގައި ނެތް. ގުޅީމަ ބުނީ، އެއާޕޯޓުގައޭ. ފަހުން މި އެނގުނީ، ނުފުރާކަން،" އަޒްމީން ވިދާޅުވިއެވެ.
ވެލެންސިއާއަށް ގެނައި ކުޅުންތެރިޔަކު ރަށެއްގައި ހުރި ކަމަށް ބައެއް ނޫސްތައް ބުނެފައިވާ އިރު، އެ ކްލަބުން ބުނީ ދެ ކުޅުންތެރިން ފިލައިގެން ދިޔަ ކަމަށް އިމިގްރޭޝަނާއި ޕޮލިހަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.
ކުޅުންތެރިން އަމަލުކުރި ގޮތަކީ ވެލެންސިއާގެ އިހުމާލަކުން އަމަލުކުރި ގޮތެއް ނޫންކަން އެ ކްލަބުން ޔަގީންކޮށްދީފައިވެއެވެ.
ޓްރަޔަލްތަކަކީ ކުޅުންތެރިންގެ ފެންވަރު ބެލުމަށް، ކްލަބުތަކުން ދޭ ފުރުސަތެކެވެ. ކްލަބުން ޓްރަޔަލްތަކަށް ކުޅުންތެރިން ގެންދަނީ އެއްބަސްވުމެއްގައި ސޮއިކޮށްގެން ނޫނެވެ. އާއްމުކޮށް ޓްރަޔަލްތަކަށް ދާ ކުޅުންތެރިން އަމިއްލަ ހަރަދުގައި ގޮސް ކޮންޓްރެކްޓެއް ހޯދޭތޯ ތަމްރީނުތަކުގައި މަސައްކަތް ކުރުމަށްފަހު، އެއްބަސްވުމެއް ނުލިބިއްޖެނަމަ، އަނބުރާ ދަނީވެސް އަމިއްލައަށެވެ.
ވެލެންސިއާއިން އެ ކުޅުންތެރިންނަށް ދާނެ މަގުވެސް ތަނަވަސްކޮށްދިން ނަމަވެސް، އެ ކުޅުންތެރިން އަމިއްލައަށް ފިލައިގެން މަސައްކަތް ކުރާ ކަމަށްވެސް ތުހުމަތު ކުރެވިފައިވެއެވެ.
ކްލަބު ވެލެންސިއާ
ކްލަބު ވެލެންސިއާ
ކްލަބު ވެލެންސިއާ
ކްލަބު ވެލެންސިއާ