ނިމިދިޔަ ޓްރާންސްފާ ވިންޑޯގައި ލިވަޕޫލުން ކުރި ހަރަދުތަކުގެ ވާހަކަ މީޑިއާތަކާއި ތަޖުރިބާކާރުން މާބޮޑަށް ދައްކާތީ، އެކަމުގައި އެހެން ކްލަބުތަކަށް ފައިދާ ކުރާ ކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.

ލިވަޕޫލުން މުޅި ޓްރާންސްފާ ސީޒަނުގައި 450 މިލިއަން ޕައުންޑް ހަރަދުކޮށްފައިވާ އިރު، އެޓީމުން އެންމެފަހުން އިއުލާނު ކުރި ޓްރާންސްފާއަކީ އެލެކްސެންޑާ އިސާކްގެ ޓްރާންސްފާއެވެ. އިސާކްގެ ޓްރާންސްފާ ޑެޑްލައިން ޑޭގައި ލިވަޕޫލުން އިއުލާނުކުރި އިރު، އެ ޓްރާންސްފާގެ އަގަކީ 125 މިލިއަން ޕައުންޑެވެ.

މިހާތަނަށް އިސާކް އަދި ލިވަޕޫލަށް ކުޅެފައި ނުވާ އިރު، ބެލެވޭ ގޮތުގައި އެޓީމުން ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ކުޅޭނެއެވެ.

ޕްރި މެޗު ޕްރެސްގައި ސްލޮޓް ވަނީ ކުރި ހަރަދުގެ ވާހަކަ ދައްކާތީ، އެކަމަށް ވާހަކަ ދައްކައިފައެވެ.

"އަހަރެމެން އަލަށް ގެންދިޔަ ކުޅުންތެރިންގެ ވާހަކަ މީޑިއާތަކުގައި މާބޮޑަށްވެސް ގިނަވެއްޖެ. ހާއްސަކޮށް ތަޖުރިބާކާރުން، ޕަންޑިތުން އެވާހަކަ މާ ބޮޑަށްވެސް ދައްކަން ފަށައިފި. އެހެންވެގެން އިނގިރޭސި އެހެން ކްލަބުތަކަށް ފައިދާ އެބަވޭ. އެހުރިހާ އެންމެން ކިޔަނީ 450 މިލިއަން ޕައުންޑްގެ ވާހަކަ،" ސްލޮޓް ބުންޏެވެ.

ސްލޮޓް ބުނީ މިފަހަރު ލިވަޕޫލުން ހަރަދުކުރީ މިދިޔަ ސީޒަނުގެ ކުރިން ހޫނު މޫސުމުގެ ޓްރާންސްފާގައި އެންމެ 10 މިލިއަން ޕައުންޑް ހަރަދުކުރުމުން، ހަރަދުކުރަން ރައްކާކުރި 250 މިލިއަން ޕައުންޑްގެ ބޭނުން ހިފައިގެން ކަަމަށެވެ.

މިދިޔަ ސީޒަނުގެ ލީގު ލިވަޕޫލާއެކު ހޯދި ސްލޮޓް ބުނީ، މިދިޔަ ބޮޑު ދެ ޓްރާންސްފާ ވިންޑޯގައި ލިވަޕޫލުން ކުޅުންތެރިން ވިއްކައިގެން ގާތްގަނޑަކަށް 300 މިލިއަން ޕައުންޑް ހޯދި ކަމަށާއި، މި ޓްރާންސްފާގައި ހަރަދުކުރި ވާހަކަ ދައްކާ އިރު، އެ ފައިދާގެ ވާހަކަ އެއްވެސް މީހަކު ނުދައްކާ ކަމަށެވެ.

ސްލޮޓް ބުނީ ލިވަޕޫލުން މިސީޒަނަށް ގެންދިޔަ އަށް ކުޅުންތެރިންނަކީ އުމުރުން 25 އަހަރުން ދަށުގެ ކުޅުންތެރިން ކަމަށާއި، ކްލަބުގެ ވިޔަފާރިއަށް ޕަންޑިތުންވެސް ތައުރީފުކުރަން ޖެހޭ ކަމަށެވެ.