އުމުރުން 62 އަހަރުގެ ޖޯސޭ މޮރީނިއޯ، އަނެއްކާވެސް ޕޯޗުގަލްގެ ބެންފިކާއާ ހަވާލުވާން އުޅޭނެ ކަމަށް ޕޯޗުގަލްގެ ނޫސްތަކުން ބުނެފިއެވެ.

މޮރީނިއޯގެ ސީނިއާ ކޯޗިން ކެރިއަރު އެންމެ ފުރަތަމަ ފެށީވެސް އުފަން ގައުމުގެ ބެންފިކާއިންނެވެ. ބާސެލޯނާގެ އެސިސްޓެންޓް ކޯޗުކަން ކުރުމަށްފަހު، މޮރީނިއޯ 2000 ވަނަ އަހަރު ހެޑް ކޯޗުކަމަށް ފުރަތަމަ ނުކުތީ ބެންފިކާއިންނެވެ.

އެފަހަރު އެ ކްލަބުގައި މޮރީނިއޯ ކޯޗުކަން ކޮށްދިނީ 11 މެޗަށް އެކަންޏެވެ. އެ 11 މެޗުން އޭނާއަށް ހޯދުނީ ހަ މޮޅެވެ. އޭގެ ތެރެއިން ތިން މެޗުން އެއްވަރުވެ، ދެމެޗުން ބަލިވިއެވެ. އެފަހަރު ކޯޗުކަން ދޫކޮށްލީ ކްލަބުގެ ރައީސާ މައްސަލަ ޖެހިގެންނެވެ.

އޭގެފަހުން ފުޓުބޯޅަ ކޯޗެއްގެ ގޮތުގައި މޮރީނިއޯ ވަނީ ޔޫރަޕްގެ އެންމެ މަތީ ފަންތިއަށް ދަތުރު ކޮށްފައެވެ. ހާއްސަކޮށް އޭނާއަކީ ދުނިޔޭގެ އެންމެ ކާމިޔާބު އަދި އެންމެ މަގުބޫލު އެއް ކޯޗެވެ.

ޕޯޓޯއާއި ޗެލްސީގެ އިތުރުން ރެއާލް މެޑްރިޑާއާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ރޯމާ އަދި ފެނެބާޗޭއާއެކުވެސް މޮރީނިއޯ ވަނީ ތަށިތައް ހޯދައިފައެވެ.

އޭގެ ތެރޭގައި ޕޯޓޯއާއެކު ހޯދި ޗެމްޕިއަންސް ލީގު ފާހަގަވެސް ކޮށްލެވުނެވެ. އޭނާ ޕޯޓޯއާ ހަވާލުވީ ބެންފިކާއިން ވަކިވެ، އަހަރެއް ދުވަހު އެހެން ކްލަބެއްގައި ހޭދަކޮށްފައި، އޭގެފަހުންނެވެ.

ބެންފިކާއިން ރޭ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ކުޅުނު މެޗުގައި ގަރަބާގް ކައިރިން ބަލިވުމުން، އެ ކްލަބުން ވަނީ ކޯޗެއް ހޯދަން މަސައްކަތް ފަށައިފައި ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

ބެންފިކާ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަން ހޯދީ، ޕްލޭ އޮފްގައި މޮރީނިއޯ ކޯޗުކަން ކޮށްދެމުންދިޔަ ފެނެބާޗޭ ބަލިކޮށްފައެވެ. މޮރީނިއޯ އެ ކްލަބުގެ ކޯޗުކަމުން ވަކިކުރީ، އެ ނަތީޖާއާއެކުގައެވެ.