އައްޑޫ ސިޓީގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނެތޯ ބަލަން މިއަންނަ އޮކްޓޫބަރު މަހު ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ބޭނުންފުޅުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސްގެ ޕޮޑްކާސްޓުގެ މިއަދުގެ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އައްޑޫއަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން އެ ސިޓީގެ ކައުންސިލްތައް އޮންނަ ގޮތަށް ބަދަލުތަކެއް ގެންނާން ޖެހޭ ކަމަށް އައްޑޫ ރައްޔިތުން އެދިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މިއަންނަ އަހަރު ބާއްވާ ކައުންސިލް އިންތިހާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަން (އީސީ)ން ފަށައިގަތުމުގެ ކުރިން، އައްޑޫ ރައްޔިތުންގެ އެ އެދުމަށް ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.
އެ މަނިކުފާނު ނިންމަވާފައިވަނީ އައްޑޫ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން އެކަމާމެދު ގޮތެއް ނިންމުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ވޯޓުގަ މި އަހާ ސުވާލަކީ މިސާލަކަށް ހުޅުދޫ ރައްޔިތުންގެ މެދުގައި ނަގާނެ ވޯޓެއް، ހުޅުދޫ ރައްޔިތުން ބޭނުންވަނީ އައްޑޫ ހުޅުދޫ ކައުންސިލް، އަޅުގަނޑުމެން ހުރިހާ ރަށަކަށް އައްޑޫ ލާފަ، އައްޑޫ ހުޅުދޫ ކައުންސިލް ގޮތުގަ ކައުންސިލެއް އުފައްދަންތޯ ނޫނިއްޔާ އައްޑޫސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި އޮންނަންތޯ. ހަމަ އެގޮތަށް މީދޫ، އައްޑޫ މީދޫ ކައުންސިލް އުފައްދަންތޯ ނޫނީ އައްޑޫސިޓީ ކައުންސިލްތޯ."
މިއަންނަ މަހު އެ ވޯޓު ނަގާނެކަމަށް ރައީސް ވިދާޅުވި ނަމަވެސް ވަކި ތާރީހެއް އެ މަނިކުފާނު ހާމައެއް ނުކުރައްވައެވެ.
"އައްޑޫ ފޭދޫ ކައުންސިލް ގޮތަށް ވާންތޯ ނޫނީ މިހާރު އޮތް ގޮތަށްތޯ؟ ނަމުގެ ކުރިއަށް އައްޑޫ މިލަނީ، އަޅުގަނޑު ބޭނުމެއް ނޫން ދެން އަންނަ ބަދަލެއްގައި އައްޑޫ އެ ނަން އުނިވެގެންދާކަށް. އެހެންވީމާ އައްޑޫ މަރަދޫ، އައްޑޫ މަރަދޫފޭދޫ، މިއިން ކޮންމެ ތަނެއްގައި ވަކިން ކައުންސިލެއް،" ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު