ބޮޑުތަކުރުފާނު މަގު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބައްލަވައިލައްވައިފި އެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ މަހުގެ 21 ގައެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން އިއްޔެ ބުނީ މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ފުޅާވެ، ހިނގާބިނގާވެ އުޅޭ މީހުންނަށް ރަހުމަތްތެރި މަގުތައް އިތުރުވާނެ ކަމަށެވެ.
"ޓްރެފިކް ތޮއްޖެހުން ކުޑަވެ، ފެންބޮޑުވުން ކުޑަކުރުމަށް ޒަމާނީ ސްޓޯމް ވޯޓާ ޑްރެއިނޭޖް ނިޒާމެއް ތައާރަފުވެ، ރައްކާތެރި އިންފްރާސްޓްރަކްޗާ ގާއިމުވެގެންދާނެ." އެމްޓީސީސީން ބުންޏެވެ.
މި އަހަރުގެ އޭޕްރީލް ނުވަ ވަނަ ދުވަހު އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
- ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭނަށް މަގު ހެދުން.
- 830 މީޓަރުގެ މަގުގައި ތާރު އެޅުން. (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް).
- ދުވާރުތައް ހެދުމާއި އަދި ފެން ހިންދާ ނިޒާމު ގާއިމުކުރުން.
- ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ޗައިނާއިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ