މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހުޅުމާލެ ފޭސް އެކަކުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ފޭސް އެކެއްގެ ކަންނެލި ޖެޓީ ސަރަހައްދުން ސައިކަލެއްގައި ދިޔަ ދެ މީހެއްގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން އެންގުމުން އެ މީހުން މަޑުނުކޮށް ދިޔައީ ކަމަށެވެ.

ނަމަވެސް އެ މީހުން ފަހަތުން ފުލުހުން ގޮސް ސައިމާ ހިނގުން ފްލެޓްތައް ސަރަހައްދުން އެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ގުލްބަކާގެ، މުހައްމަދު ނާޒިޝް ނާޒިމް (29އ) އާއި މާލެ / ހ. އަރާހަނދު، ނާއިމް އަބްދުއްރަޝީދު (18އ) ކަމަށާއި އެ މީހުން ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސްދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.