މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލުން ރެގިއުލޭޓްކުރާނީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މީޑިއާތަކުގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކަމަށާއި އެއީ އެހެން އެއްވެސް ބަޔަކު ރެގިއުލޭޓްކުރާ ބިލެއް ނޫން ކަމަށް އިންފޮމޭޝަން މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
މީޑިއާ ބިލާ ގުޅޭ މައުލޫމާތުދިނުމަށް މީރުމާގައި މިރޭ ބޭއްވި "ނޫސްވެރިންގެ ފޯރަމް"ގައި ވާހަކަދައްކަވަމުން މިނިސްޓަރު އެހެން ވިދާޅުވެފައި މިވަނީ، މީޑިއާތަކާއި ނޫސްވެރިންނާއި ސޯޝަލް މީޑިއަގައި ޝާއިއުކުރާ ހިޔާލުތަކަށް ފިޔަަވަޅު އެޅޭގޮތަށް ބިލުގައި ހިމަނާފައިވުމުން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
މިނިސްޓަރު ވިދާޅުވީ ސޯޝަލް މީޑިއާގައި ކޮންޓެންޓް ހަދާ ޒުވާނުންނަށާއި ފަރާތްތަކަށް އެ ބިލު ނުހިނގާނެ ކަމަށާއި ޒިންމާދާރުވާން ޖެހޭނީ ރަޖިސްޓާކޮށްގެން ހިންގާ މީޑިއާތައް ކަމަށެވެ.
"ސޯޝަލް މީޑިއާގައި ކޮންޓެންޓް ހަދާ ޒުވާނުންނަށް، ފަރާތްތަކަށް މި ބިލު އެޕްލައި ނުވާނެ. މި ބިލު އެޕްލައިވާނީ ނޫހުުގެ ދަށުން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް ޕޭޖު، ޓިކްޓޮކް، އިންސްޓަގްރާމް އެކައުންޓް، ޓެލެގްރާމް ޕޭޖު، ވައިބާ ޕޭޖު، މި ހުރިހާ ޕްލެޓްފޯމަކަށް އެޕްލައިވާނެ. އެބޭފުޅުން ހަބަރު ފެތުރުމުގައި ޒިންމާދާރުވާން ޖެހޭނެ. އެބޭފުޅުން ފަތުރާ ހަބަރަށް އެބޭފުޅުން ޒިންމާވާން ޖެހޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އަސްވާޑު ވިދާޅުވީ ޓެލެކޮމިއުނިކޭޝަންގެ ބޭނުމަށް ޓެލެގްރާމް ފަދަ ވަސީލަތްތަކުން އެކަކު އަނެކަކަށް ފޮނުވާ މެސެޖުތައް އެ ބިލުގެ ދަށުން ރެގިއުލޭޓް ނުކުރެވޭނެ ކަމަށާއި އެ ބިލު ދިރާސާކޮށް އިތުރަށް ކިޔާލުމުން ވެސް އެކަން ސާފުވާނެ ކަމަށެވެ.
"ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް އަޅުގަނޑު މިދެނީ ޔަގީންކަން މި ބިލު އެޕްލައިވާނީ ރެޖިސްޓާޑް މީޑިއާތަކަށް އެކަނި. މިއީކީ ތިބޭފުޅުންނާ ބެހޭ ކަމެއް ނޫން. ބައެއް ބޭފުޅުން، މިއަށް ތިބޭފުޅުން އެޕްލައިކުރައްވަން އެބައުޅުއްވާ. އެއްގޮތަކަށް ވެސް ޖެހިވަޑައިނުގަންނަވާތި. މިއީ ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނާ ބެހޭ ބިލެއް ނޫން. މިއީ ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓްކުރުމަށްޓަކައި ހަދާ ބިލެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ ގިނަ އިސްލާހުތަކަކާއެކު އެ ބިލު ފާސްކޮށްފައެވެ. ކޮމިޓީން އެ ބިލު ފާސްކޮށްފައިވަނީ، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އަދިވެސް ހައްލު ނުލިބޭ ކަމަށްބުނެ، ކޮމިޓީ ބައްދަލުވުމަށް ހާޒިރުވި ނޫސްވެރިން އިހުތިޖާޖުކުރަމުން ދަނިކޮށެވެ.
ކުރީގެ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް)
ކުރީގެ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް)
ކުރީގެ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް)
ކުރީގެ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް)