ނޫސްވެރިކަމާ ގުޅުންހުރި ޕްރޮގްރާމުތަކާއި ކޯސްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައި އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި މިއަދު ހެނދުނު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ ތައުލީމީ ޕްރޮގްރާމުތަކުން ދަސްވާ އެއްޗަކާއި މަސައްކަތުގެ ތަޖުރިބާގައި ދަސްވާ އެއްޗަކާ ވަރަށް ތަފާތުވާނެ ކަމަށެވެ.

އެހެންކަމުން މިއަދު އެމްއެންޔޫއާއި ޔޫތު މިނިސްޓްރީއާއެކު ސޮއިކުރި އިސްތިރާޖީ ފަހުމުނާމާގެ ސަބަބުން އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްއާއެކު އެއްބަސްވެވުނު ކަންތައްތަކުގެ ތެރެއިން ފަސް ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

އަސްވާޑު ވިދާޅުވީ ރާއްޖޭގެ ގާތްގަނޑަކަށް 90 އިންސައްތަ ނޫސްވެރިންނަކީ ސްކޫލު ނިންމާ ގޮތަށް މި ދާއިރާއަށް ހުރި ޝައުގެއްގެ ބޮޑުކަމުން ނޫސްވެރިކަމަށް ވަދެ، އެކަމުގެ ތެރެއިން ދަސްވާ އެއްޗެއްގެ ތެރެއިން ބޮޑުވަމުން އަންނަ މީހުން ކަމަށެވެ.

"އަޅުގަނޑު ރާއްޖޭގެ ނޫސްވެރިންނަށް އެއްޗެއް ދަންނަވާނަމަ ދަންނަވާނީ މި ޕްރޮގްރާމުތަކުގައި ބައިވެރިވާށޭ، ތިބޭފުޅުންނަށް ދަސްވާ އެއްޗެހި ތަފާތު ވާނެ، ތިބޭފުޅުންނަށް އެނގޭ މިންވަރު ތަފާތު ވާނެ، ތިބޭފުޅުން ކޯސް ނިންމާފައި ދެން ޖެހިގެން އަންނަ ދުވަހު ޕްރެކްޓިސް ކުރާ އެއްޗާއި ލިޔާ އެއްޗާ ހަމަ ތަފާތުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަހީދު ވަނީ މީޑިއާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ކުރު ކޯސްތަކާއި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގެ އިތުރުން ޑިގްރީ، މާސްޓާސް އަދި ފައުންޑޭޝަން ކޯސްތަކުގައި ބައިވެރިވުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި ސަރުކާރުގެ ފަރާތުން ކޯސް ފީއަށް ބޭނުންވާ އެހީތެރިކަން ދިނުމާއި ކޯސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ވެސް ހިމެނޭ ގޮތަށް، މިކަމުގައި ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމްއާ ހަވާލާދެއްވައި، މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ނޫސްވެރިކަމުގެ މާސްޓަސް ޕްރޮގްރާމެއް ފެށުމުގެ މަސައްކަތްތައް ކުރަން ނިންމާފައިވާ ކަމަށެވެ.

އެމްއެންޔޫގެ ކޮންފަރެންސް ހޯލްގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަސްވާޑެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. ޝެހެނާޒެވެ.

އެ ފަހުމުނާމާގެ ސަބަބުން ޔޫތު މިނިސްޓްރީއާއި ޔުނިވާސިޓީގެ މަސައްކަތްތަކަށް އިތުރު ހަލުވި ކަމެއް ލިބި، ގައުމީ ތަރައްގީއަށް ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެ ފަހުމުނާމާގެ ދަށުން ޔުނިވާސިޓީން ފޯރުކޮށްދޭނެ ހިދުމަތްތަކުގެ ތެރޭގައި މިނިސްޓްރީން ހިންގާ ޓްރެއިނިން ޕްރޮގްރާމްތަކުގައި ޔުނިވާސިޓީގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަން ދިނުން ހިމެނެއެވެ.

އޭގެ އިތުރުން ކޮލެޖު އޮފް ޓްރެއިނިން ސެޝަން ހިންގުމަށާއި ޕްރޮގްރާމްތަކަށް ގާބިލު ފެސިލިޓޭޓަރުން ނެގުމަށް އެހީތެރިވެދިނުން ވެސް ހިމެނެއެވެ. ހަމައެހެންމެ މިނިސްޓްރީން ފޯރުކޮށްދޭނެ އެހީތެރިކަމުގެ ތެރޭގައި ޔުނިވާސިޓީގެ ޕްރޮގްރާމްތަކަށް ބައިވެރިން ހޯދުމުގައި އެހީތެރިވުމާއި މީޑިއާއާ ގުޅުންހުރި ޕްރޮގްރާމްތަކުގެ ކޯސްތަކުގެ ފީގެ ވަކި ނިސްބަތެއް ދެއްކުމުގައި ބައިވެރިވުން ހިމެނެއެވެ.

މި ފަހުމުނާމާގެ ދަށުން ދެފަރާތަށްވެސް ފައިދާ ހުރި ދެމެހެއްޓެނިވި އަދި ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ ކަމަށްވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.