މީޑިއާ ވިލެޖުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްވާޑު ވިދާޅުވީ، ކުރީގެ އެސްޓީއޯ ސިޓީ ހޮޓަލުގައި ހަދާ މީޑިއާ ވިލެޖުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން އެކަމުގެ އަޕްޑޭޓްތައް ވަރަށް ގާތުން ބަަލަމުން އަންނަ ކަމަށެވެ.

"މީޑިއާ ވިލެޖުގެ މަސައްކަތުގެ ގާތްގަނޑަކަށް 70 ޕަސަންޓު ނިންމާލެވިއްޖެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މީޑިއާ ވިލެޖު ނިމުމުން މީޑިއާތަކަށް ވަރަށް ލުއިފަސޭހަ ގޮތަކަށް އެތަނުގެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.

މީޑިއާ ވިލެޖެއް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ އެ މަނިކުފާނު ބޭނުންފުޅު ވަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި މީޑިއާތަކާ ގާތްގުޅުމެއް ބާއްވައިގެން ސަރުކާރު ހިންގަވަން ކަމަށެވެ.

"މީޑިއާ ވިލެޖެއް ގާއިމުކުރާނެ ވާހަކަ އަޅުގަނޑު ދެންނެވިން. އެކަން ކުރުމަށްޓަކައި މިހާރު ކެބިނެޓުން ވަނީ ކަންކުރާނެ ގޮތް ވެސް ނިންމައިފައި. ހުޅުމާލޭގައި އެތައް އަހަރެއް ވަންދެން ހަދަން ފަށައިފައި ނުނިމި ހުރި އިމާރާތެއް އެހެރީ އެސްޓީއޯގެ އިމާރާތެއް ހޮޓަލެއް އަޅަން ނިންމި ތަނެއް. އެތަން ސަރުކާރަށް މިހާރު އެ ވަނީ ނަގައިފައި. އެތަނުގެ ބައެއް ފްލޯތައް ހާއްސަ ކުރެވޭނީ މި ދެންނެވި މީޑިއާ ވިލެޖު ގާއިމުކުރަން. ކޮންމެ މީޑިއާކަށް ހަމަޖެހޭ އުސޫލަކުން ވަރަށް ކުޑަ އަގެއްގައި އެ މީހުންގެ އޮފީސް ހިންގަން އެތަނުން ޖާގަ ދޫކުރާނަން،" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި މީޑިއާ ވިލެޖުގައި ފެންވަރު ރަނގަޅު އެކި ސައިޒުތަކުގެ ސްޓޫޑިއޯތަކެއް ހަދާނެއެވެ. އަދި ޓީވީ ސްޓޭޝަންތަކަށް ބޭނުންވާ ޕްރޮޑަކްޝަން ފެސިލިޓީ ފޯރުކޮށްދޭނެ ކަމަށެވެ.