ބ. އޭދަފުށީގައި ކުރިއަށްދިޔަ އޭދަފުށި ކަޕް 2025 ގެ ޗެމްޕިއަންކަން ވެލާ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

މިދިޔަ އަހަރުގެވެސް ޗެމްޕިއަން ވެލާއިން ތަށި ދިފާއުކުރީ މިއަދު ހަވީރު، އޭދަފުށި ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި 2-1 ގެ ނަތީޖާއަކުން އިރުމަތި އެފްސީ ބަލިކޮށްގެންނެވެ.

ފައިނަލް މެޗަށް ސްޓޭޑިއަމް ފުރިފައި އޮތް އިރު، މެޗުގެ ފުރަތަމަ ކަށިގަނޑުން ފެށިގެންވެސް ސަޕޯޓަރުން ދިޔައީ ބެރުތަކާއެކު ފޯރި ނަގަމުންނެވެ. ފޯރިގަދަކޮށް މެޗުގެ ފުރަތަމަ ހާފު ފެނިގެން ގޮސްފައިވާ އިރު، ހާފުގެ ބޮޑުބައެއްގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.

ދެޓީމަށްވެސް ފައިނަލަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އިރުމަތީ އެފްސީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ބިދޭސީ ފޯވަޑް، ޕްރިންސް ބޯޑޫ ސަސްޕެންޝަނުގައި ހުރުމެވެ. އޭނާ ނެތްތައް އެޓީމުގެ އެޓޭކުން ފެނިގެން ގޮސްފައިވެއެވެ.

ވަރުގަދަ ކުރިމަތިލުމެއް ފެނިގެން ދިޔަ ފުރަތަމަ ހާފު ނިމެން ދަނިކޮށް، ވެލާ ސްޕޯޓްސް ކްލަބުން ލީޑު ނެގިއެވެ. އަރިމަތިން އަހުމަދު ސުހައިލް (ބަންބުޗް) ހުރަސް ކޮށްދިން ބޯޅަ، އޭރިއާ ތެރޭގައި ހުސްކޮށް އޮވެ ގޯލަށް ވައްދާލީ އަލީ ޒުބޭރެވެ.

ދެވަނަ ހާފަށް ނުކުމެ، އިރުމަތިން އެޓޭކަށް ކުޅުންތެރިން ގިނަ ކޮށްފައިވާ އިރު، އަނެއްކޮޅުން ވެލާ ބޮޑަށް ވިސްނީ ޑިފެންސަށެވެ. އެޓީމުން ކައުންޓާއަށް ވިސްނައިގެން ތިބި އިރު، އިރުމަތީގެ މުހިއްމު ހަމަލާތަކެއް ވެލާގެ ކީޕަރު މިފްދާދު އަހުމަދު މަތަކުރިއެވެ.

މިފްދާދު މެޗުގައި މޮޅަށް ކުޅެފައިވާ އިރު، ވެލާއިން ވަނީ ކައުންޓާގައި ލިބުނު ފުރުސަތެއްގައި ލީޑު ފުޅާވެސް ކޮށްފައެވެ. އެޓީމަށް ލިބުނު ފުރުސަތުގައި ކީޕަރުވެސް ނައްޓާލުމަށްފަހު ދެވަނަ ގޯލު ޖަހައިދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުލް މަޖީދެވެ.

އެ ގޯލާއެކު ވެލާއިން ހަމަޖެހިލި ނަމަވެސް، ފަހުކޮޅުގައި ދިޔައީ ނޭވާ ހިފަހައްޓާލަން ޖެހޭނެ ކަހަލަ ގޮތަކަށެވެ. އިތުރު ވަގުތުގެ ތެރޭގައި އިރުމައްޗަށް ޕެނަލްޓީއެއް ލިބި، އަލީ ނަސީމްގެ ޕެނަލްޓީން އެޓީމުން ފަރަގު ކުޑަކުރިއެވެ. އޭގެފަހުންވެސް ހަމަލާތައް އުފެއްދި އިރު، ވެލާއިން ވަނީ ރަނގަޅަށް ޑިފެންސްކޮށް، ތަށި ޔަގީންކޮށްފައެވެ.

ފައިނަލް މެޗަށްފަހު ނިންމުމުގެ ރަސްމިއްޔާތު ފުރިހަމަކޮށްފައިވާ އިރު، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން، ރާއްޖޭގެ ނައިބު ރައީސް އަލް އުސްތާޒު ހުސައިން މުހައްމަދު ލަތީފެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެލާގެ ކީޕަރު މިފްދާދު ހޮވުނު އިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންނަކީ އިރުމަތި އެފްސީގެ ޕްރިންސް ބޯޑޫއާއި ހުސް ސޮނގުންގެ އިބްރާހީމް އޮލަޑިމޭޖީ ޖިމޯއެވެ. އޭގެން ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ ދެ ގޯލު ޖަހައިދީފައެވެ.

އެންމެ މޮޅު ކީޕަރަކަށް މިފްދާދު ހޮވުނު އިރު، އެންމެ މޮޅު ކޯޗަކީ ވެލާގެ ކޯޗު މުހައްމަދު އިހްސާން ސައީދު (ލިއުބީ) އެވެ. އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު އިރުމަތި އެފްސީގެ އަބްދުﷲ ޖައުޝަންއަށް ލިބުނު އިރު، އެންމެ މޮޅު ކުޅުންތެރިޔަކީ އެޓީމުގެ އިމްތިޝާލް އަބްދުލް ރަހީމެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އިމްތިޝާލް --- ފޮޓޯ/ އިމޭޖަސް އެމްވީ

މުބާރާތުގެ ފެއާޕްލޭ ޓީމަކީ އާޖީލަކަށް އޭދަފުށި ފުޓްބޯލަ އެކަޑެމީއެވެ.