ބ. އޭދަފުށީގައި ކުރިއަށްދާ އޭދަފުށި ކަޕް 2025 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ހުސް ސޮނގުން ފުޓްބޯލް ޓީމު ބަލިކޮށް، ވެލާ ސްޕޯޓްސް ކްލަބުން ފައިނަލަށް ދަތުރު ކޮށްފިއެވެ.

އެންމެފަހުގެ ޗެމްޕިއަން ވެލާ ފައިނަލަށް ދަތުރު ކޮށްފައި ވަނީ މިއަދު އޭދަފުށީ ސްޓޭޑިއަމްގައި ކުޅުނު ސެމީ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުން ޖެހި ޕެނަލްޓީގައި 3-2 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

ފޯރިގަދަ، ވަރުގަދަ ކުރިމަތިލުމެއްގެ ގޮތުގައި މިއަދު ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުފެނިއެވެ. އެހެން ނަމަވެސް، ދެޓީމުންވެސް ވަނީ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. ވެލާގެ ކުރިއަށް ކުޅެމުންދިޔަ އަލީ ޒުބައިރާއި މުހައްމަދު ފަޔާޒަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވި އިރު، އަނެއްކޮޅުން ހުސް ސޮނގުންގެ އިބްރާހީމް އޮލަޑިމޭޖީ ޖިމޯއަށްވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔައެވެ.

ދެވަނަ ހާފުގައިވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ބޮޑަށް ނުރައްކާ ކުރީ ހުސް ސޮނގުންނެވެ. އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އިބްރާހީމާއި އަހުމަދު ނަޝާހް (ނައްޓު)ގެ އިތުރުން މުހައްމަދު އަޖުފާނަށްވެސް ފުރުސަތުތައް ލިބިގެން ގޮސްފައިވާ އިރު، މެޗުގެ އޮއިވަރު ބަދަލުވީ 87 ވަނަ މިނެޓުގައި ކޯނަރަކުން ވެލާ ލީޑު ނެގުމުންނެވެ.

އެ ޓީމުގެ ގޯލު ޖަހައިދިނީ އަހުމަދު ސުހައިލް (ބަންބުޗް) އެވެ. އެ ގޯލާއެކު މެޗު ނިމެން ދަނިކޮށް، ވެލޭގެ އޭރިއާ ތެރެއިން މުހައްމަދު އަޝްފާން، ހުސް ސޮނގުންނެގެ އަލީ އިރުފާދަށް ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީ ދިނެވެ.

އެ ޕެނަލްޓީގައި އިބްރާހީމް ހުސް ސޮނގުންނަށް އެއްވަރު ކޮށްދިން އިރު، ޕެނަލްޓީގައި ވެލާގެ ކީޕަރު މިފްދާދު އަހުމަދު ވަނީ މުހިއްމު ދެ ސޭވެއް ކޮށްފައެވެ. ހުސް ސޮނގުންގެ ނައްޓު އަތުން ޕެނަލްޓީ ބޭރަށް ދިޔަ އިރު، އަނެއްކޮޅުން ބަންބުޗްގެ ޕެނަލްޓީވެސް އަމާޒުވީ ދަނޑިއަށެވެ.

ވެލައަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަހްރޯރް އުމަރުޖަނޯވާއި ޖަސުބެކް އެރްމަަމަޓޯވްގެ އިތުރުން މުހައްމަދު ޝާންއެވެ. ހުސް ސޮނގުންގެ އިބްރާހީމާއި އަހުމަދު ހުމައިދު ޕެނަލްޓީ ކާމިޔާކުރި ނަމަވެސް، މިފްދާދު ވަނީ މުހައްމަދު ރަފްހާނާއި ހާފިޒު އަހުމަދު ޖެހި ޕެނަލްޓީތައް ނަގައިދީފައެވެ.

އޭދަފުށި ކަޕް 2025 ގެ ފައިނަލުގައި މާދަމާ އަނެއް ދުވަހު ހަވީރު ވެލާ ސްޕޯޓްސް ކްލަބު ނުކުންނާނީ އިރުމަތި އެފްސީއާ ދެކޮޅަށެވެ.