ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގެ އަޑީގައި ފޮރުވިފައިވަނީ ރިޔާސީ ދައުރު އިތުރު އަހަރުތަކަކަށް ދިގު ދަންމައިލުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
އެ ބިލު ފާސްކުރުމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ ބާރުތައް ހަނިކުރުމަށް ފާސްކުރި މި ބިލުގެ ވޯޓުގައި ބައިވެރި ނުވާން ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީން ބުނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި އަދި ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ދެނެގަތުން ނުވަތަ ރައްޔިތުންގެ ބަސް ހޯދުމަކީ ރާއްޖެ ފަދަ ޑެމޮކްރެޓިކް އަދި ޖުމްހޫރީ ދައުލަތެއްގައި ނުހަނު މުހިންމު ކަމެއް މަށާއި ނަމަވެސް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގެ ނަމުގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
"ގާނޫނު އަސާސީން މިހާރުވެސް، ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ބާރު ދީފައިވުމާއެކު، ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ބާރު ދީފައެވެ." އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ، ވަކި ގާނޫނެއް ފާސްކޮށްގެން، ކުރަން މިހާރު ރާވާ ކަމަކީ، ހިޔާލު ހޯދުމުގެ މުޅި ނިޒާމު ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސް، ރައްޔިތުންގެ ބާރު ހަނިކުރުން ކަމަށެވެ.
އެމްޑީޕީން އިތުރަށް ބުނީ، ރިޔާސީ ދައުރު އިތުރު އަހަރުތަކަކަށް ދިގު ދަންމައިލުމަކީ، މިކަމުގެ އަޑީގައި ފޮރުވިފައިވާ ކަމެއްކަން ފާހަގަކުރާ ކަމަށެވެ.
އެމްޑީޕީން ފާހަގަ ކުރާ ގޮތުގައި، ބިލުގައި މިހާރު ކަނޑައަޅައިފައިވާ މުއްދަތުތަކަކީ، ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، ހޭލުންތެރި ކުރުމަށާއި އަދި ކެމްޕޭން ކުރުމަށް، އެކަށީގެންވާ މުއްދަތުތަކެއް ނޫނެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ލާޒިމުވާ ހާލަތުގައި، ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން އެފަދަ ގަރާރެއް ފާސްވާ ގޮތަށް އޮތް ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިސްނެގުމަށް އެފަދަ ވޯޓަކަށް ދާން ހުށަހަޅާ ހާލަތުގައި، ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވާން ޖެހޭ ގޮތަށް އޮތުމަކީ، ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި އިހުތިޔާރުތައް ހަނިވާނެ ސަބަބެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
"މި ބިލު ގާނޫނަކަށް ވުމުން، އެ ގާނޫނުގެ ދަށުން ގަވާއިދުތަކަކާއި އުސޫލުތަކެއް ހެދުމަށް ކަނޑައަޅައިފައި އޮތުމާއި، އެއީ ކޮން ކަންކަމުގެ ގަވާއިދާއި އުސޫލު ކަމެއް ބަޔާންކޮށްފައިނެތުމުން، މުޅި ޕްރޮސެސްއަށް ގިނަ ބަދަލުތަކެއް ގެނައުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދެއެވެ. އެ ކޮމިޝަނުގެ ރައީސަކީ، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ފަރާތެއް ކަމަށްވީ އިރު، މިއީ ނުސީދާކޮށް ބާރުތައް ނަގައިގެން، މުޅި ޕްރޮސެސްއަށް ނުފޫޒު ހިންގުމުގެ ހީލަތްތެރި ރޭވުމެއްކަން ސާފުކޮށް އެނގެއެވެ.،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) ގެ ދަށުން، ފަސް އަހަރުގެ ދައުރަކަށް، ރައްޔިތުން އިންތިހާބުކުރި ކައުންސިލުތަކުގެ ދައުރުގެ ތެރެއިން، މަސްއޫލިއްޔަތުތައް އަދާކުރުމުގެ އެއް އަހަރު އުނިވާ ގޮތަށް ގާނޫނެއް ފާސްކުރި އިރު، އެކަމަށް ރައްޔިތުންގެ ހިޔާލު ހޯދައިފައި ނުވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ، އެ ބިލުގެ ނަތީޖާ އަކީ، ގައުމީ މުހިންމު ކަންކަމުގައި، ރައްޔިތުންގެ ބަސް އިއްވުމަށް އޮތް ފުރުސަތު ހަނިވުން ކަމަށެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގެނައި އިސްލާހުތަކަކާއެކު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެފަދަ ވޯޓެއް ނެގުމާ ގުޅޭ ކަންކަން ހިމެނޭ، "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ވާހަކަ ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް ނަމަވެސް މިހާތަނަށް މިކަމަށް ގާނޫނެއް ހަދާފައެއް ނުވެެއެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަންޖެހޭ އުސޫލުތައް މި ބިލުގައި ވަނީ ހިމަނައިފައެވެ.
ބިލުގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ގައުމީ މުހިންމު މައްސަލަތަކާއި، ގާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށެވެ.
ގައުމީ މުހިންމު މައްސަލަތަކާ ގުޅިގެން އާންމު ވޯޓަކަށްދާން ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އާންމު ވޯޓަކަށް ދާން ނިންމާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް މި ބިލުގައި ވަނީ ހިމަނައިފައެވެ.
ބިލުގައިވާގޮތުން، ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ މާއްދާތަކާއި، މަޖިލީހުގެ އުމުރު ކަނޑައެޅުމުގެ މާއްދާ އާއި ރިޔާސަތުގެ ދައުރާ ގުޅޭ މާއްދާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތާއި މަޖިލީހުން ފާާސްކުރާ ބިލުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާ ގުޅޭ މާއްދާ އާއި ދިވެހިރާއްޖޭގެ ސަރަހައްދާ ގުޅޭ މާއްދާތަކަށް ބަދަލު ގެނެވޭނީ އާއްމު ވޯޓަކުންނެވެ. އަދި ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި ރައްޔިތުންގެ ރުހުން އެ ބިލަށް އޮތްތޯ ބެލުމަށްވެސް ވޯޓަށް އެހޭނެކަން ބިލުގައި ހިމަނާފައިވެއެވެ.
ރައްޔިތުންގެ ހިޔާލު ހޯދަން ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަހުގެ މުއްދަތެއް އޮންނަންވާނެކަމަށް ބިލުގައި ބަޔާންކޮށްފައިވާ އިރު، ގިނަވަގެން 90 ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ބިލުގައިވާގޮތުން ވަކި ސަރަހައްދެއްގެ ރައްޔިތުންގެ ހިޔާލު ހޯދުމާ ގުޅޭ ވޯޓެއް ނަގާނަމަ 45 ދުވަހަށްވުރެ ކުރު މުއްދަތެއްގައިވެސް އެ ވޯޓު ނެގޭނެ އިހުތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދިނުމަށް ވަނީ ހިމަނައިފައެވެ.
ބިލުގައިވާގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ފާސްވާނީ، ސައްހަ ވޯޓު 50 އިންސައްތައަށްވުރެ މަތިން ލިބިގެންނެވެ. އަދި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން އިންތިހާބަށް ހަރަދުވާނެ ފައިސާގެ އަދަދު ކަނޑައަޅައި އެކަން މާލީ ވުޒާރާއަށް ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި އެ ފައިސާ ހަމަޖައްސަންޖެހޭނެ ކަމަށްވެސް ވަނީ ހިމަނައިފައެވެ.
އާންމު ވޯޓު ނެގުމަށް މަޖިލީހަށް ފެންނަ ހާލަތްތަކުގައި އެ ވޯޓު ނެގުމަށް ކަނޑައަޅާނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުން ކަމަށާއި، ވޯޓު ނެގުމަށް މަޖިލީހަށް ލާޒިމުވާ ހާލަތްތަކުގައި ވޯޓު ނަގަން ކަނޑައަޅާނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުން ކަމަށްވެސް ކަނޑައޅާފައިވެއެވެ.
ވޯޓު ނެގުމަށް، މަޖިލީހުން ފާސްކުރާ ގަރާރާއެކު ހިޔާލު ހޯދަން ހުށަހަޅާ ސުވާލާއި، އެ މައްސަަލައާ އެއްކޮށް ހުރި ހުއްޖަތްތަކާ ދެކޮޅަށް ހުރި ހުއްޖަތްތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް މަޖިލީހުން ފާސްކުރުން، އަދި ވޯޓު ނެގުމަށްޓަކައި ރައީސް ނެރޭ ގަރާރާއެކު ރައްޔިތުންގެ ހިޔާލު ހޯދަން ހުށަހަޅާ ސުވާލާއި، ހިޔާލު ހޯދަން ހުށަހަޅާ ސަބަބާއި އެ މައްސަލަައާ އެއްކޮޅަށް ހުރި ހުއްޖަތްތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމެނިފައި އޮންނަންވާނެ ކަަމަށް ބިލުގައި ބުނެފައިވެއެވެ.
މަޖިލީހުން މި ބިލު ފާސްކުރީ ޖަލްސާގައި ތިއްބެވި 77 މެންބަރުންގެ ތެެރެއިން 64 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ވޯޓު ދެއްވީ ބިލު ފާސްނުކުރުމަށެވެ.
އަލީ ޔާމިން
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު