ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ (އެގްޒެކުޓިވް މާސްޓަރސް އިން ސްޕޯޓްސް އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓް (މެމޯސް) ޕްރޮގްރާމް ފުރިހަމަކޮށްފިއެވެ.

އައިއޯސީން މެމޯސް ޕްރޮގްރާމް ކުރިއަށް ގެންދަނީ ޔުނިވަސިޓީ އޮފް އޮޓާވާއާ ގުޅިގެންނެވެ.

މެމޯސްއަކީ ބައިނަލްއަގުވާމީ އަދި ގައުމުތަކުގެ ލެވެލްގެ ކުޅިވަރު އިދާރާތައް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ލީޑާޝިޕް ހުނަރާއި މެނޭޖްމަންޓް ހުނަރު ކުރިއެރުުމަށް އައިއޯސީން ހިންގާ ޝަރަފުވެރި ޕްރޮގްރާމެކެވެ.

އެމްއޯސީން ބުނީ ތަމޫ މެމޯސް ފުރިހަމަކުރެއްވުމުން، އެކަމުން ދޭހަވަނީ ކުޅިވަރު ހިންގުމަށް އޭނާ ބަހައްޓަވާ މުހިއްމުކަމުގެ އިތުރުން އެކަމުގައި އޭނާ އަމިއްލައަށް މަސައްކަތް ކުރާ މިންވަރު ކަމަށެވެ. ތަމޫގެ އެ ޝަރަފުވެރި ފާހާއެކު، އޭނާގެ ފަރާތުން ރާއްޖޭގެ ކުޅިވަރު ހިންގުމަށް އިތުރު ވިސްނުމެއް ގެނެސްދީ، ރާއްޖޭގެ ނަން މިހާރަށްވުރެ ބޮޑަށް ބައިނަލްއަގުވާމީ މައިދާނަށް ގެންދަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އެމްއޯސީން ބުންޏެވެ.

އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި އެންމެފަހުން ނިމިދިޔަ ދައުރުގައިވެސް ހުންނެވި ތަމޫ، މިފަހަރު އެ މަގާމަށް އައްޔަނު ކޮށްފައި ވަނީ 2025 އިން 2029 ވަނަ އަހަރާ ހަމައަށެވެ. އެއީ މިދިޔަ ޖުލައި މަހުގައެވެ.

އޭގެ އިތުރުން 2021 ވަނަ އަހަރުން ފެށިގެންވެސް އޭނާ އަދާކުރެއްވީ އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމެވެ.

ކުޅިވަރު ހިންގުމުގައި ބުރަކޮށް މަސައްކަތް ކުރައްވާ ތަމޫ ވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވައިފައެވެ. އެއީ 2009 އިން 2011 ވަނަ އަހަރުގެ ނިޔަލަށެެވެ. އޭގެ ފަހުން އޭނާ މައިގަނޑުކޮށް ފެނިގެންދަނީ އޮލިމްޕިކް ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އިސް ފަރާތެއްގެ ހައިސިއްޔަތުންނެވެ.

ތަމޫއަކީ އެމްއޯސީގެ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރެއްވުމުގައި މުހިއްމު ރޯލެއް އަދާކުރައްވާ ސްޕޯޓްސް އެޑްމިނިސްޓްރޭޝަނަށް ފަރިތަ ބޭފުޅެކެވެ. ރާއްޖޭގެ އެކިއެކި ކޮންޓިޖެންޓްތަކުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައިވެސް ތަމޫގެ ދައުރު ފެނިގެންދާ އިރު، އެފަދަ ގިނަ ކަންކަމުގެ އިންތިޒާމުތައް ރަނގަޅު ކުރުމަށް ތަމޫ އަބަދުވެސް ބުރަ މަސައްކަތްތައް ކުރައްވައެވެ.