މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގައިވާ ގޮތަށް އުފައްދާ ކޮމިޝަނަށް މީޑިއާތަކާއި ނޫސްވެރިން އިންތިހާބުކުރާ މެންބަރުން ނުވިކޭނަމަ، މީޑިއާ ކޮންޓެންޓް ހުއްޓުވުމުގެ ބާރެއް އެ ކޮމިޝަނަށް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ ގުޅޭގޮތުން ސަންގުޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ކޮމިޝަންގައި ހަތް މެންބަރުން ތިއްބަވާ އިރު، މެޖޯރިޓީ ލިބިގެންދާނީ މީޑިއާތަކާއި ނޫސްވެރިންނަށް ކަމަށެވެ.

"އެތަނުގައި އެމީހުންގެ ހަތަރު މީހުން ތިބެންޏާ، ލިބިގެން ނުވާން ނޫންތޯ. އެމީހުންގެ ތެދުވެރިކަމެއް އިހުލާސްތެރިކަމެއް، އެމީހުން ނުވިކެންޏާ، އެމީހުން ސަރުކާރު ބުނާހާ ގޮތެއް ނަހަދަންޏާ ތި ވިދާޅުވާ ސުވާލު ނުވެސް އުފެދޭ ނޫންތޯ،" އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކޮމިޝަނަށް ސަރުކާރުން ނަގަނީ ފަހަތު ސީޓު ކަމަށާއި ޑްރައިވިން ސީޓު ދޫކޮށްލަނީ މީޑިއާތަކުން އިންތިހާބުވާ މެންބަރުންނަށް ކަމަށެވެ. އެހެންކަމުން އެ މެންބަރުން އެހެން ގޮތަކަށް ސޮއްސާލަންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާ ރެގިއުލޭޓްކުރަން ޖެހޭ ކަމަށް އަމިއްލައަށް ގަބޫލުކުރެއްވި ނަމަވެސް، މިހާރު ހުށަހަޅާފައިވާ ބިލުގައި އެފަދަ ކަމެއް ނޯންނާނެ ކަމަށާއި ސޯޝަލް މީޑިއާ ރެގިއުލޭޓްކުރުމާއި ބޭން ކުރާ ވާހަކަ ދައްކަނީ އޮޅުވާލުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ޕާސަނަލީ އަޅުގަނޑު މިއަދުވެސް އެކަން ގަބޫލުކުރަން. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރާ ކޮންމެ ކަމަކީ މަޖިލީހުގެ ތަޅުމުން ފާސްވާނެ ކަންކަމެއް ނޫން. އަދި އަޅުގަނޑު ޕާސަނަލީ ގަބޫލުކުރާނެ ކަންކަމަކީ ކޮމިޓީން ބަލައިގަންނާނެ ކަންކަމެއް ވެސް ނޫން. އެހެންވީމާ ސޯޝަލް މީޑިއާ ރެގިއުލޭޓްކުރާ ވާހަކައަކީ، ސޯޝަލް މީޑިއާ ބޭން ކުރާ ވާހަކައެއް އަޅުގަނޑުމެން ނުދައްކަން،" އޭނާ ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ސޯޝަލް މީޑިއާ ރެގިއުލޭޓުކުރާ ވާހަކައާއި ބޭން ކުރަން އުޅޭ ވާހަކައަކީ މީޑިއާގެ ބޭފުޅުންނަށް މިހާރު ވިއްކޭނެ އެއްވެސް އެއްޗެއް ނެތީމަ ދައްކަވާ ވާހަކައެއް ކަމަށެވެ.