ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލަ އާއި، ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް ނެރެފައިވާ މައްސަލަ ތަހުގީގުކޮށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެކުލަވާލައި މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި ރިޕޯޓުން ހުށަހެޅި ކަންތައްތައް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަންފީޒު ކުރައްވަން ފެއްޓެވުމުން، ގައުުމު އިސްލާހުކޮށް ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތްތަކުގެ އުންމީދު އާވެގެން ހިނގައްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު މަޖިލީހުން ފާސްކުރި މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި، ސިނގިރޭޓް މައްސަލައިގައި ކަސްޓަމްސްގެ އިސް ބައެއްް ފަރާތްތަކުގެ އިހުމާލުވުން ފާހަގަކޮށްފައިވާތީ، ރައީސް ވަނީ އެކަމަށް ފިޔަވަޅު އަޅުއްވައި ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކުރައްވައިފައެވެ. މަގާމުން ވަކިކޮށްފައިވަނީ މަހުމޫދު ރިޔާޒު އަދި އަބްދުﷲ ވަހީދެވެ.
އެކަމަށް ފިޔަވަޅު އެޅުއްވިކަން ހާމަކުރައްވައި އެކްސްގައި މިއަދު ކުރެއްްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދެ ޑެޕިއުޓީ ކޮމިޝަނަރަކު ވަކި ކުރެއްވުމުގެ އިތުރުން، ކަސްޓަމްސްއިން އަމަލުކުރަމުން ގެންދާ އުސޫލުތަކާ އެއްގޮތަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ގާނޫނާއި ގަވާއިދާ އެއްގޮތަށް އިތުރު ތިން މުވައްޒަފަކަށް ފިޔަވަޅު އަޅަން އަންގަވާފައިވާނެ ކަމަށެވެ.
މަޖިލީހުން ފާސްކުރި ރިޕޯޓާ ގުޅިގެން ރައީސް އަޅުއްވަން ފެއްޓެވި ފިޔަވަޅުތައް ފާހަގަކުރައްވައި، ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަން މައްސަލަ ބެލުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އެ ފިޔަވަޅުތައް ތަންފީޒު ކުރަން ފެއްޓެވުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް އުފާކުރަން މިއަދު މި ކޮމިޓީ ފެށުމުގެ ކުރިން އަޅުގަނޑުމެންނަށް މިއޮތީ އެނގިފަ މީގެ ދެ ދުވަހެއް ކުރިން އަޅުގަނޑުމެން މަޖިލީހުން ފާސްކޮށްފަ ފޮނުވި 241 ކޮމިޓީގެ ރިޕޯޓުގައި ހިމެނޭ ކަންތައްތައް ތަންފީޒުވަމުންދާ ކަން، އެ ރިޕޯޓްގައި އޮންނާނެ ސިއްރު ޗެޕްޓަރެއް، އެ ޗެޕްޓަރަކީ ނިންމުން ހައެއް، އަޅުގަނޑުމެން ފޮނުވީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެ ރިޕޯޓުން ރައީސަށް އެރުވި މައުލޫމާތުތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ވަކިކުރެއްވެން އޮތް ބޭފުޅުން ގާނޫނާ އެއްގޮތަށް ވަކިކުރައްވާފައިވާ ކަމަށެވެ.
"އެެހެންކަމުން އެއީ ވަރަށް އުފާވެރި ހަބަރެއް، އެއީ މަޖިލީހަށް ހައްގު އިހުތިރާމާއި މަޖިލީހުގެ ބާރުވެރިކަމާއި ގަދަރު، ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިކަން، އަނެއްކާ މި މަޖިލީހާއި ކޮމިޓީގެ ނިންމުންތައް ރައީސުލްޖުމްހޫރިއްޔާ އާއި މި ސަރުކާރުން ތަންފީޒު ކުރައްވާނެކަން، އެހެންވީމަ އަޅުގަނޑުމެންނަށް އާވެެގެންދާ އުއްމީދެއް އެއީ،"
ނާޒިމް ވިދާޅުވީ، ފެނަކައިގެ މައްސަލަތަކާއި، އެެހެން ހުރިހާ ކުންފުންޏެއްގެ ކަންތައްވެސް ތަހުގީގުކޮށް ކޮމިޓީން އަންގާ އެންގުތަކަށް ސައުކާރުން އަމަލުކުރާނެކަން މިހާރު އެނގޭ ކަމަށެވެ.
"ކޮމިޓީން ބަލައިފަ އަންގަންވާ ކަންތައް އެންގީމަ ސަރުކާރުން އަމަލު ކުރަންޏާ އަޅުގަނޑު ދަންނަވާނީ މިގައުމުގެ ކަންތައް އިސްލާހު ވާނެ، ކުންފުނިތަކުގެ ކަންތައްތައް އިސްލާހުވާނެ، އަދި ކޮރަޕްޝަން ނެތިކޮށްލުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްވެސް ކާމިޔާބު ވާނެ،"
ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައަކީ، ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ތެލުގެ ވިޔަފާރިކުރަމުންދާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން ނުވަތަ 84،000 ސިނގިރޭޓު ފޮށި، ތިލަފުށީގައި ހުންނަ ބޯޓު ޔާޑު ޖެޓީއަށް ބާލައިގެން އެތެރެކުރި މައްސަލައެކެވެ.
ބޮންޑެޑް ހައުސްގައި ހުއްޓައި ވަގަށް ބޭރު ކޮށްފައިވަނީ، އެގްޒޮޓިކް އެންޓަޕްރައިސެސްއިން ރާއްޖެ އެތެރެކުރި 180 ކޭސް ކެމަލް ޔެލޯ ސިނގިރެޓާއި 300 ކޭސް މެންޗެސްޓާ ޔުނައިޓެޑް ރޯޔަލް ރެޑް ފިލްޓާ ސިނގިރޭޓް އަދި 100 އެމެރިކަން ލެޖެންޑު ސިނގިރޭޓެވެ.
އެކަމާ ގުޅިގެން 47.1 މިލިއަން ރުފިޔާ ދައްކަން އެ ކުންފުނީގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
އަހުމަދު ނާޒިމް (ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް)
އަހުމަދު ނާޒިމް (ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް)
އަހުމަދު ނާޒިމް (ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް)