ބާސެލޯނާއަށް ކުޅެމުންދާ ސްޕެއިންގެ ސުޕަ ސްޓާރު ލެމީން ޔަމާލަށް އަނިޔާވި މައްސަލައިގައި ބާސާ ކޯޗުގެ ހާންސީ ފްލިކް، ސްޕެއިން ގައުމީ ޓީމަށް ފާޑުކިޔައިފިއެވެ.
އުމުރުން 18 އަހަރުގެ ޔަމާލަށް އަނިޔާވެފައި ވަނީ ސްޕެއިނުން ބަލްގޭރިއާއާ ދެކޮޅަށް ކުޅެ، 3-0 އިން މޮޅުވި މެޗުގައެވެ. އެމެޗުގައި ލިބުނު އަނިޔާގެ ސަބަބުން ޔަމާލަށް މިހަފުތާ ބާސާއިން ލީގުގައި ކުޅޭ މެޗުގެ އިތުރުން، ޗެމްޕިއަންސް ލީގުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅޭ މެޗުވެސް ގެއްލޭނެ ކަމަށް ވަނީ ބެލެވިފައެވެ.
"ޔަމާލް ވެލެންސިއާއާ ދެކޮޅަށް ނުކުޅޭނެ. އެއީ ވަރަށް ބޮޑު ގެއްލުމެއް. ސްޕެއިނާއެކު ކުޅުނު ފުރަތަމަ މެޗުން ފެށިގެންވެސް ޔަމާލް ހުރީ އަނިޔާވެދާނެ ހާލަތެއްގައި. 79 މިނެޓް ނޫނީ 73 މިނެޓް އެކުޅުނީ އެހެންވެ. އަދި ދެމެޗު ދޭތެރޭ ޔަމާލް ތަމްރީނުވެސް ކޮށްފައެއް ނުވޭ. ސްޕެއިނަކީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ސްކޮޑު. ކޮންމެ މަގާމަކަށްވެސް ތިބޭނެ ވަރުގަދަ އެތައް ކުޅުންތެރިންނެއް. އެހެންވީމަ އެ ޓީމުން ޔަމާލަށް ރަނގަޅަށް ނުބަލާ ކުޅުވީ،" ފްލިކް ބުންޏެވެ.
ފްލިކް ބުނީ ޔަމާލަށް ރަނގަޅަށް ނުބެލުމަކީ ވަރަށް ބޮޑު ގެއްލުމެއް ލިބުނު ކަމެއް ކަމަށާއި، ޗެމްޕިއަންސް ލީގު މެޗަށްވެސް ޔަގީންކަމެއް ނެތް ކަމަށެވެ.
ފްލިކް ބުނީ ޔަމާލްގެ އަނިޔާގެ ކަންތަކުގައި ސްޕެއިން ކޯޗު ލުއިސް ޑެ ލަ ފުއެންޓޭއަށް މެސެޖު ކުރި ކަމަށާއި، ކޯޗާއެކު ރަނގަޅަށް ވާހަކަ ނުދެކެވުނު ކަމަށެވެ. އޭނާ ބުނީ ގައުމީ ޓީމުގެ ކޯޗުންނަށް ކުރެވޭ ތަޖުރިބާ އޭނާއަށްވެސް އެނގޭ ކަމަށާއި، ކްލަބުތަކުގެ ކޯޗުންނާ ރަނގަޅަށް ވާހަކަ ދެކެވެން ޖެހޭ ކަމަށެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ