ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑުން މިރޭ ކުޅުނު ލީގު މެޗުގައި ރެއާލް ސޮސިއެދާދު ބަލިކޮށްފިއެވެ.
ސޮސިއެދާދުގެ ދަނޑުގައި މިރޭ ރެއާލުން ކުރިހޯދީ، 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފްރާންސް ތަރި ކިލިއަން އެމްބާޕޭގެ ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ރެއާލުން މޮޅު ހޯދީ ބޮޑު ބައެއްގައި ކުޅުންތެރިޔަކު މަދުކޮށް ކުޅެގެންނެވެ.
ކުރީކޮޅުގައި އެމްބާޕޭގެ ގޯލަކާއެކު ރެއާލުން ލީޑު ނެގިއެވެ. މެޗުގެ 12 ވަނަ މިނެޓުގައި އެޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި އެމްބާޕޭ ގޯލު ޖެހި އަވަސް ކުޅުމަކާއެކުގައެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ އާދާ ގޫލާއެވެ.
އޭގެފަހުން 32 ވަނަ މިނެޓުގައި ޑީން ހުއިސެންއަށް ރަތް ކާޑެއް ދެއްކުމާއެކު ރެއާލަށް މެޗު އިތުރަށް އުނދަގޫވި ނަމަވެސް، ހާފު ނިންމާލީ ގޫލާގެ ގޯލަކުންނެވެ. ގޫލާ ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ އެމްބާޕޭއެވެ.
ދެވަނަ ހާފުގައި މިކޭލް އޮޔަރުޒަބާލް ޖެހި ގޯލުން ސޮސިއެދާދު އުންމީދެއް ގޯދި ނަމަވެސް، ކުޅުންތެރިޔަކު މަދުން ކުޅެމުންދިޔަ ރެއާލުން ލީޑު ހިފަހައްޓާލިއެވެ.
ރެއާލުން މިހާތަނަށް ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، އެޓީމު އެއްވަނައިގައި އޮތީ 12 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އެތުލެޓިކް ކްލަބާއި ތިންވަނައިގައި އޮތް ގެޓާފޭއަށްވެސް ހަތަރު މެޗުން ހޯދުނީ ނުވަ ޕޮއިންޓެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ