އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދާއި މިރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޓޮޓެންހަމްއިން މޮޅުވެއްޖެއެވެ.

އާސެނަލުން މިއަދު ހޯމްގައި ކުޅުނު މެޗުގައި 3-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކުރި އިރު، އެމެޗަށް އާސެނަލް ނުކުތީ މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ ބުކަޔޯ ސަކާއާއި ކައި ހަވާޓްސްގެ އިތުރުން ވިލިއަމް ސަލީބާވެސް ނުލައެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.

މިއަދު މެޗުގެ 18 ވަނަ މިނެޓުގައި މާޓިން އޮޑެގާޑަށްވެސް އަނިޔާވެ، ބާލަން ޖެހިފައިވާ އިރު، އެޓީމަށް އެހީވީ މި ސީޒަނަށް އަލަށް ސޮއިކުރި ކުޅުންތެރިންނެވެ. މިހާތަނަށް ސީޒަނަށް 250 މިލިއަން ޕައުންޑް ހަރަދުކުރި އާސެނަލަށް ލީޑު ނަގައިދިނީ މާޓިން ޒުބިމެންޑީއެވެ.

އެ ގޯލާއެކު ހާފު ނިންމާލި އާސެނަލުން ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ވިކްޓޯ ޔޯކެރޭޝްގެ ގޯލުން ލީޑު ފުޅާކުރިއެވެ. އޭގެފަހުންވެސް ޒުބިމެންޑީގެ ގޯލުން އާސެނަލް ލީޑު އިތުރަށް ފުޅާކުރި އިރު، އެ ގޯލަށް އެސިސްޓް ކޮށްދިނީ ލެއާންޑްރޯ ޓްރޮސާޑެވެ.

ޓޮޓެންހަމްއިންވެސް ސީޒަނުގައި ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ އިރު، ގޯސް ހާލަތެއްގައި އޮތް ވެސްޓް ހޭމް ކައިރިން، އެޓީމުގެ ދަނޑުގައި މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގައި ގޯލެއް ފެނިފައި ނުވާ އިރު، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ޕަޕޭ ސާގެ ގޯލުން ޓޮޓެންހަމް ލީޑު ނެގިއެވެ. އޭގެ އިރުކޮޅެއްފަހުން ވެސްޓް ހޭމްގެ ތޯމަސް ސޯޗެކަށް ރަތް ކާޑު ދައްކާފައިވާ އިރު، އޭގެ ފައިދާ ނަގައި، ލޫކަސް ބާގްވަލްއާއި މިކީ ވެން ޑެ ވޭންގެ ގޯލުތަކުން ޓޮޓެންހަމް ފަސޭހައިން މެޗު ކާމިޔާބުކުރިއެވެ.

ޓޮޓެންހަމްއާއި އާސެނަލުންވެސް މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާ އިރު، އާސެނަލް އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ދެޓީމަށްވެސް ހަތަރު މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ.