މީޑިއާތައް ރެގިއުލޭޓްކުރާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލު ރައްޔިތުންގެ މަޖިލީހުން ފާސްވިޔަސް، ސޯޝަލް މީޑިއާ އެކައުންޓުތައް ބްލޮކް ނުކުރާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، މަޖިލީހުގެ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ އެ ބިލުގެ 60 ވަނަ މާއްދާގައި ވަނީ، އެ ގާނޫނުގައި ނޫހާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާއަށް ވެސް، އެ މީޑިއާއާ ގުޅޭ ނިސްބަތަކަށް ހިނގާނެ ކަމަށެވެ.

އަދި ނޫސްވެރިންނާ ގުޅޭގޮތުން އެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންނަށް، އެމީހުންނާ ގުޅޭ ނިސްބަތަކަށް ހިނގާނެ ކަމަށް ބިލުގައިވެއެވެ.

އެކަމާ ގުޅިގެން އާންމުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް ފަލާހު ވިދާޅުވީ ރައްޔިތުން ގަދައަށް ސޯޝަލް މީޑިއާ ބޭނުންކުރަންވީ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ޒުވާނުންނާއި ރައްޔިތުންނަށް ދުވަހަކުވެސް ނުލިބޭނެފަދަ، ޒުވާނުން އަދި ރައްޔިތުންގެ މުޅި މުސްތަގުބަލު އުޖާލާކޮށް ރައްކާތެރިކޮށްދޭނެ ހެޔޮލަފާ 100 ޕަސަންޓު ޔަގީންކަން އޮތް ވެރިއެއް ކަމަށެވެ.

"ލޮބުވެތި ޒުވާނުން އަދި ރައްޔިތުން. މިހާރު ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެމްބަރު އަބްދުލް ހަންނާން ހުށަހަޅާފައިވާ މީޑިއާ ބިލުގައި ސޯޝަލް މީޑިއާތައް ރެގިއުލޭޓްކޮށް، ފޭސްބްކާއި ޓިކްޓޮކް އަދި ޓުވިޓާ އެކައުންޓުތައް، މި ބިލު ރައްޔިތުންގެ މަޖިލީހުން މިސާލަކަށް ފާސްވިޔަސް ބަންދުވާގޮތަކަށް ބިލުގައި ނެތް،" އޭނާ ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ނޫސްވެރިކަމުގެ ތާޖު އަޅައިގެން ތިބި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ މަޅީގައި ޒުވާނުން ނުޖެހޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލަށް ސަރުކާރުގެ ފަރާތުން ވަނީ 14 އިސްލާހެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްސީލުކުރުން ވަނީ ހިމަނައިފައެވެ.