ކުޅުދުއްފުށި ސިޓީގެ ހުޅަނގު އުތުރު ފަރު މައްޗަށް ބީއްސާލާފައިވާ ބާޖެއް، 14 ދުވަސް ތެރޭގައި ފަރުމަތިން ނެގުމަށް ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
މިއީ 2023 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހު "ޓިއާންޖިއަން" ނަމަކަށް ކިޔާ ބާޖު ކުޅުދުއްފުށި ފަރު މައްޗަށް ބީއްސާލުމުގެ ސަބަބުން، ފަރަށް ގެއްލުންވުމުގެ އިތުރުން ކުޅުދުއްފުށީގެ އެއާ އޮޕަރޭޝަންތައް ހިންގުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާތީ، އެ ބާޖު ގަނެފައިވާ ފަރާތް ކަމަށްވާ، ބީއެމްސީ ސްލިވްވޭ އެންޑް ސަލްވޭޖު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ތަކުރާރުކޮށް، އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެންގުމުން ވެސް އެ ބާޖު ނަގައިފައިނުވާތީ، އެ ކުންފުންޏާ ދެކޮޅަށް އީޕީއޭއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އީޕީއޭއިން އެދިފައިވަނީ 14 ދުވަހުގެ ތެރޭގައި އެ ބާޖު ފަރުމަތިން ނެގުމުގެ އަމުރެއް ބީއެމްސީގެ މައްޗަށް ކޮށްދިނުމަށެވެ. އީޕީއޭގެ މި ދައުވާއަށް ބީއެމްސީން ރައްދުދީފައެއް ނުވެއެވެ. އެހެންވެ، މި މައްސަލައިގައި ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އީޕީއޭއިން ވަނީ އެދިފައެވެ.
މި މައްސަލައިގެ އަމުރުގެ ރައުޔުގައި މައްސަލަ ބެއްލެވީ ގާޒީ އަލީ އަބްދުﷲ ވިދާޅުވީ ޝީޝަލްސްގައި ރަޖިސްޓްރީކޮށްފައިވާ އައުރިސް އެސްއެސް ލިމިޓެޑްގެ ޓިއާންޖިން ނަމަކަށް ކިޔާ އެ ބާޖު ފަރު މައްޗަށް ބީއްސާލާފައިވާކަމުގެ މައުލޫމާތު ލިބުމުން އީޕީއޭއިން ވަނީ އެކަމުގެ ތަފުސީލީ ރިޕޯޓެއް ފޮނުވައިދިނުމަށް އެދި އެ ބާޖުގެ ރާއްޖޭގެ އެޖެންޓުކަމުގައިވާ ރޯހޮޕް ޕްރައިވެޓް ލިމިޓެޑަށް ސިޓީއެއް ފޮނުވައިފައިވާ ކަމަށެވެ. އެ ސިޓީއާ ގުޅިގެން އުޅަނދުގެ މާސްޓާގެ އިންސިޑެންޓް ރިޕޯޓާއި އުޅަނދުގެ ޕާޓިކިއުލާސް އަދި އުޅަނދުގެ ފޮޓޯތައް ރޯހޮޕްއިން ފޮނުވާފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
ފަރުމަތިން ބާޖު ފުންކޮށްފައިނުވާތީ، ބާޖު ފުންކުރުމަށް ފަހުގައި ނޫނީ ޖޮއިންޓް ސާވޭ ކުރިއަށް ގެންދެވެން ނެތް ކަމަށާއި ޖޮއިންޓް ސާވޭ ކުރުމަށް ހެދިފައިވާ އެރޭޖުމެންޓުތައް ކެންސަލް ކުރުމަށާއި ބާޖު ފުންކުރުމަށްފަހު އެކަން އެންގުމަށް އީޕީއޭއިން އެދިފައިވާކަން ލިޔުންތަކުން އެނގޭ ކަމަށް ގާޒީ ވިދާޅުވިއެވެ.
ނަމަވެސް ބާޖު ފުންކޮށްފައިނުވާތީ، ފުންކުރުމަށް ކުރަމުންދާ މަސައްކަތުގެ އަޕްޑޭޓެއް ދިނުމަށް ވެސް އީޕީއޭއިން އެދިފައިވާކަން އެނގޭ ކަމަށް ގާޒީ ވިދާޅުވިއެވެ. ރޯހޮޕްއިން ވަނީ އެކަމުގެ އަޕްޑޭޓެއް ދިނުމުގެ ގޮތުން ޕީއެންއައި އެޕޮއިންޓެޑް ކޮންސަލްޓެންޓު އެންމެ ފަހުން ފޮނުވާފައިވާ އަޕްޑޭޓުގެ ސިޓީއެއް އީޕީއޭއަށް ފޮނުވާފައި ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ ބާޖު ފަރަށް އެރި ނަމަވެސް ޖޫރިމަނާ ކުރާ ވަރުގެ ގެއްލުމެއް ފަރަށް ލިބިފައިނުވާ ކަމަށާއި ނަމަވެސް ބާޖުން ބައެއް ހިލަ އާއި ދަގަނޑު އެ ސަރަހައްދަށް އެޅުމުގެ އިތުރުން ބާޖު އެ ސަރަހައްދުގައި ގިނަ ދުވަހު އޮތުމުގެ ސަބަބުން އާނުގަނޑުގައި ބާޖުން ޖެހި ގެއްލުންތަކެއްވެފައިވާކަން ފާހަގަކޮށް އީޕީއޭއިން އައުރިސް އެސްއެސް ލިމިޓެޑަށް ރިޕޯޓެއް ފޮނުވައިފައިވާ ކަމަށެވެ.
އެ ރިޕޯޓު ލިބިފައިވާކަން އައުރިސްއިން ކަށަވަރުކޮށްދިން ނަަމަވެސް ރިޕޯޓާ ގުޅިގެން ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށާއި ހިލަ އާއި ދަގަނޑު ނެގުމުގެ މަސައްކަތް ބީއެމްސީއަށް ހަވާލުކޮށްފައިވާކަން ބަޔާންކޮށް ވަނީ ލިޔުމެއް ފޮނުވައިފައެވެ.
ބީއެމްސީން، އީޕީއޭއަށް ފޮނުވާފައިވާ ސިޓީއެއްގައި ބަޔާންކޮށްފައިވަނީ އެ ބާޖު ފުންކުރުމުގެ މަސައްކަތް ކުރެވިފައިނުވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށާއި ބާޖު 15 ދުވަހުގެ ތެރޭގައި ފުން ކުރެވޭނެ ކަމަށް ބީއެމްސީން ސިޓީގައި ބުނި ނަމަވެސް އެ މުއްދަތަށް ފުން ކުރެވިފައިނުވާކަން އެނގޭ ކަމަށް ގާޒީ ވިދާޅުވިއެވެ.
ފަހު ކަމެއްގެ ގޮތުގައި ގާޒީ ވިދާޅުވީ ބާޖު ބީހިފައިވަނީ އެއާޕޯޓުގެ ހުޅަނގު ސަރަހައްދަށް ކަމަށްވާތީ، ބާޖުގެ ސަބަބުން އެއާޕޯޓުގެ އެއާ އޮޕަރޭޝަންސްތައް ހިންގުމަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ރީޖަނަލް އެއާޕޯޓްސްއިން، ކައުންސިލްގެ ސަމާލުކަމަށް ތަކުރާރުކޮށް ގެނެސްފައިވާކަން އެނގޭ ކަމަށެވެ. ބާޖު ނުނެގި ގިނަ ދުވަސްވާނަމަ، އެއާޕޯޓުގެ ސީވޯލް ގެއްލުންވެ ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެކަން ރީޖަނަލް އެއާޕޯޓްސްއިން ކައުންސިލަށާއި އީޕީއޭއަށް ތަކުރާރުކޮށް އަންގާފައިވާ ކަމަށެވެ.
އެކަންތައް ފާހަގަކުރައްވައި ގާޒީ ވަނީ 14 ދުވަހުގެ ތެރޭގައި ބާޖު ފަރުމަތިން ނެގުމަށް ބީއެމްސީގެ މައްޗަށް އަމުރުކުރައްވައިފައެވެ.
މުހައްމަދު އިޝާން
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް