މީޑިއާ ކޮމިޝަނަށް އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު، މީޑިއާތަކަށް ދޭގޮތަށް، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" އަށް އެޓާނީ ޖެނެރަލްގެ އޮފީހުން އިސްލާހު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާފައި އެ ބިލަށް ނޫސްވެރިން އެންމެ ބޮޑަށް ނުރުހުން ފާޅުކުރާ އެއް ކަމަކީ، އެ ބިލުގައިވާ ގޮތަށް މީޑިއާތަކުން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ވެސް ރައްޔިތުންގެ މަޖިލީހަށް ލިބޭގޮތަށް އޮތުމުންނެވެ.
އޭޖީ އޮފީހުން ވަނީ އެ ބިލަށް އިއްޔެ ގިނަ އިސްލާހުތަކެއް ހުށަހަޅައިފައެވެ. އޭގެ ތެރެއިން އެއް އިސްލާހަކީ ބިލުގެ 21 ވަނަ މާއްދާގެ ދަށުން ކޮމިޝަނަށް އިންތިހާބުކުރެވޭ މެންބަރުންގެ މެންބަރުކަމުގެ ޝަރުތެއް ނުވަތަ ސިފައެއް އުނިވެއްޖެނަމަ، އެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިހުތިޔާރު އެ މެންބަރުން އިންތިހާބުކުރުމަށް ވޯޓު ދިން ފަރާތްތަކަށް ލިބިދިނުމަށްޓަކައި، ބިލުގެ 28 ވަނަ މާއްދާ އިސްލާހުކުރުމެވެ.
ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާ އިސްލާހުކުރުމަށް ވެސް އޭޖީ އޮފީހުން ވަނީ ހުށަހަޅައިފައެވެ.
އޭޖީ އޮފީހުން ވަނީ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑުގައި ވެސް ބައެއް ކަންކަން ހިމެނުމަށް އިސްލާހު ހުށަހަޅައިފައެވެ. އެގޮތުން ސުލޫކީ ހަމަތަކުގެ ތެރޭގައި ތެދު މައުލޫމާތު ހާމަކުރުމުގެ އިތުރުން، އިންސާފުވެރިކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ހަބަރާއި މައުލޫމާތު ގެނެސްދިނުން ހިމެނުމަށް ވަނީ ހުށަހަޅައިފައެވެ.
އޭގެ އިތުރުން މީހުންގެ އަމިއްލަ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިހުތިރާމްކުރުމަކީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުމަށް އިސްލާހު ހުށަހަޅާފައިވެއެވެ.
ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރުކުރުމަށް އިސްލާހު ހުށަހަޅައި، މީޑިއާއިން ގެނެސްދޭ މައުލޫމާތާއި ކޮންޓެންޓުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި، ރާއްޖޭގައި ހިންގާ މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް ވެސް ބިލަށް މާއްދާއެއް އިތުރުކުރަން ވަނީ ހުށަހަޅައިފައެވެ.
އޭޖީ އޮފީހުން ހުށަހެޅި އިތުރު އިސްލާހުތަކުގެ ތެރޭގައި ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރަން ވަނީ ހުށަހަޅައިފައެވެ. އަދި ބިލުގައި ހިމަނާފައިވާ އާންމު ނިޒާމާއި، ގައުމީ ސަލާމަތާއި، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްސީލުކޮށް ހިމެނުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.
އެޓަރނީ ޖެނެރަލްސް އޮފިސް
އެޓަރނީ ޖެނެރަލްސް އޮފިސް