ބ. އޭދަފުށީގައި ކުރިއަށްދާ އޭދަފުށި ކަޕް 2025 ގެ ގްރޫޕް އޭގެ ފަހު މެޗުންވެސް މޮޅުވެ، ގްރޫޕް އެއްވަނަ ޓީމުގެ ގޮތުގައި އިރުމަތި އެފްސީން ސެމީ ފައިނަލް ޔަގީން ކޮށްފިއެވެ.

އޭދަފުށީ ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އިރުމަތި އެފްސީން ޓީމް މިޑްލް އީސްޓް ބަލިކޮށްފައި ވަނީ 4-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން އިރުމަތީ އެފްސީއަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ.

ދެމެޗުން ބަލިވެ، މިޑްލް އީސްޓް ކަޓާފައިވާ އިރު، އެ ގްރޫޕްގެ ދެވަނައިގައި ސެމީއަށް ދިޔައީ ވެލާ ސްޕޯޓްސް ކްލަބެވެ.

އިއްޔެ ކުޅުނު މެޗުގެ ދެވަނަ މިނެޓުގައި އިރުމަތީ އެފްސީގެ ޕްރިންސް ބޯޑޫ ގޯލު ޖަހައި ލީޑު ނެގި ނަމަވެސް، ހާފު ނިމުމުގެ ކުރިން ހާފު ނިމުމުގެ ކުރިން މިޑްލް އީސްޓުން ނަތީޖާ އަނބުރާލިއެވެ. އެ ގޯލުތައް ޖެހީ ރުޝްދާން އިބްރާހީމާއި އަލީ ނަޒްމީއެވެ.

އެ ގޯލާއެކު މިޑްލް އީސްޓުން ނަތީޖާ އަނބުރާލި ނަމަވެސް، އިރުމަތި އެފްސީން ދެވަނަ ހާފަށް ނަތީޖާ އަނބުރާލިއެވެ. އެޓީމުގެ ގޯލުތައް ޖެހީ މިމްރާހް އަބްދުލް އަޒީޒާއި އިމްތިޝާލް އަބްދުލް ރަހީމް އަދި ޕްރިންސް ލާބީއެވެ. މިމްރާހް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

މިފަހަރުގެ އޭދަފުށި ކަޕުވެސް ކުރިއަށް ދަނީ ހަ ޓީމާއެކުގައެވެ. ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖު ކުރިއަށްދާ އިރު، ވެލާ ސްޕޯޓްސް ކްލަބާއި އާއި އިރުމަތީ އެފްސީގެ އިތުރުން ދެން ގްރޫޕް އޭގައި ހިމެނެނީ ޓީމް މިޑްލް އީސްޓެވެ.

ގްރޫޕް ބީގައި ހުސް ސޮނގުން ފުޓުބޯޅަ ޓީމާއި ސީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އާޖީލަކަށް އޭދަފުށި ފުޓުބޯޅަ އެކަޑެމީ ހިމެނޭ އިރު، މިއަދު އޮންނަ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އާޖީލަކަށް އޭދަފުށި ނުކުންނާނީ ސީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.