ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗުތަކުން ޕޯޗުގަލްއާއި ނޯވޭއިންވެސް މޮޅުވެއްޖެއެވެ.
ރޭ ގްރޫޕް އެފްގައި ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާއެކު މިހާތަނަށް ކުޅުނު ދެމެޗުން ހަ ޕޮއިންޓް ހޯދާފައިވާ އިރު، ރޭގެ މެޗުވެސް ހާއްސަވީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ.
މިހާތަނަށް ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޮނާލްޑޯ ކުޅުނު 49 މެޗުގައި، އޭނާ ވަނީ 39 ގޯލު ޖަހައިފައެވެ. އެއީ ރޭ ޕެނަލްޓީއަކުން ޖެހި ގޯލާއެކުގައެވެ. އެ އަދަދާއެކު ރޮނާލްޑޯ ވަނީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ގުއަޓެމާލާގެ ކާލޮސް ރުއިޒްއާ އެއްވަރުކޮށްފައެވެ.
ހަންގޭރީގެ ޕުސްކަން އެރީނާގައި އެގައުމުން ފުރަތަމަ ލީޑު ނެގީ ބާބަނަސް ވާގާ ޖެހި ގޯލުންނެވެ. އޭގެފަހުން ބަނާޑޯ ސިލްވާ ޖެހި ގޯލުން ޕޯޗުގަލް އެއްވަރުކޮށްފައިވާ އިރު، ދެވަނަ ހާފު ފެށިތަނުން ރޮނާލްޑޯ ވަނީ ނަތީޖާ އަނބުރާލައިފައެވެ.
އޭގެފަހުން ޖުއާއޯ ކާންސެލޯ ޕޯޗުގަލްއަށް ލީޑު ފުޅާކޮށްދިން އިރު، މެޗުގެ 84 ވަނަ މިނެޓުގައި ވާގާގެ އިތުރު ގޯލަކުން ހަންގޭރީ އުންމީދެއް ހޯދިއެވެ. އެ ގޯލާއެކު ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، ޕޯޗުގަލް މޮޅު ޔަގީންކުރިއެވެ.
ގްރޫޕް އައިގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައި އޮތް ނޯވޭއިން ފަސްވަނަ މޮޅު ހޯދީ ރޭ މޮލްޑޯވާ ކައިރިން 11-1 އިން މޮޅުވެގެންނެވެ. މެޗުގައި މެންޗެސްޓާ ސިޓީގެ އާލިން ބްރައުޓް ހާލަންޑް ފަސް ގޯލު ޖެހި އިރު، ތެލޯ އަސްގާޑުވެސް ހަތަރު ގޯލު ޖެހިއެވެ.
އޭގެއިތުރުން ހޯން މައިރޭއާއި މާޓެން އޮޑެގާޑް ގޯލު ޖެހި އިރު، މޮލްޑޯވާގެ ގޯލަކީ ލެއޯ އޮސްޓިގާޑް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން