ސިނަމާލެ ބުރިޖު ހައިވޭގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ބަހެއްގެ ދަށުވެ، އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މިރޭ 9:36 ހާއިރު ހައިވޭގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް، އެހެން ސައިކަލަކާއި ބަހެއްގެ ދެމެދުން އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ސައިކަލުގައި ޖެހި އެކްސިޑެންޓުވެ، ބަހުގެ މެދާ ދިމާލުން ސައިކަލު ދަށުވެފައިވާ ކަމަށެވެ.

ބާރު ސްޕީޑުގައި ދުއްވި ސައިކަލު މަގުގެ އެއްފަރާތުގައި ތިބި ބުރިޖު ޕެޓްރޯލު ބީޓުގެ ސައިކަލެއްގައި ވެސް ޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ބާރު ސްޕީޑުގައި ސައިކަލު ދުއްވި މީހާ އާއި އަނެއް ސައިކަލު ދުއްވި މީހާގެ އިތުރުން އެ ސައިކަލުގެ ފަހަތުގައި އިން 15 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ބާރު ސްޕީޑުގައި ދުއްވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.