ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ އިޓަލީން އިޒްރޭލް ބަލިކުރި އިރު، ސްވިޑެންއިން ކޮސޯވޯ ކައިރިން ބަލިވެއްޖެއެވެ.
އިޒްރޭލުން ފަލަސްތީނުގެ ގައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން، އެގައުމު ކުޅިވަރުތަކުން ބޭރުކޮށް، ފުޓުބޯޅައިންވެސް ބޭރުކުރުމަށް ގިނަ ބަޔަކު ގޮވަމުންދާ މިދަނޑިވަޅުގައި ރޭ އެޓީމު ހޯމް މެޗު ކުޅުނީ ހަންގޭރީގައެވެ.
ހަންގޭރީގެ ނަގްޔާޑޭ ސްޓޭޑިއޮންގައި ރޭ ކުޅުނު މެޗުގައި އިޓަލީން އިޒްރޭލް ބަލިކުރީ 5-4 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ކޮލިފިކޭޝަން ފުރަތަމަ ބުރުގެ ގްރޫޕް އައި ގައި އިޓަލީ އޮތީ ދެވަނައިގައެވެ.
އެއީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކު، ފައިދާ ފަސް ގޯލުންނެވެ. އެއްވަނައިގައި އޮތް ނޯވޭ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައިވާ އިރު، އިޒްރޭލް ތިންވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓާއެކު، ފައިދާ ހަތަރު ގޯލުންނެވެ.
ޔޫއެފާ ކޮލިފިކޭޝަންގެ ގްރޫޕް އެއްވަނަ ޓީމުތަކަށް ވޯލްޑް ކަޕުން ޖާގަ ޔަގީންވާ އިރު، ދެވަނަ ޓީމުތައް އަދި ކޮލިފިކޭޝަން ބުރެއް ކުޅޭނެއެވެ. ކޮންމެ ގްރޫޕަކުންވެސް އަނެއް ދެޓީމު ކަޓާނެއެވެ.
ރޭ މެނުއެލް ލޮކަޓަލީ އަތުން ބައިކޮޅަށް ވަން ގޯލަކާއެކު އިޒްރޭލް ފުރަތަމަ ލީޑު ނެގި އިރު، އިޓަލީ އެއްވަރުކުރީ މޮއިސް ކީން ޖެހި ގޯލުންނެވެ. އޭގެފަހުން އިޒްރޭލްގެ ޑޯ ޕެރެޓްޒް ޖެހި ގޯލުން އެޓީމު ލީޑު ނެގި ނަމަވެސް ކީންއާއި މަޓެއޯ ޕޮލިޓާނޯ ޖެހި ގޯލުތަކުން އިޓަލީ ނަތީޖާ އަނބުރާލިއެވެ.
އިޓަލީގެ ޖިއަކޯމޯ ރަސްޕަޑޯރީ، 81 ވަނަ މިނެޓުގައި ޖެހި ގޯލުން ތަފާތު ބޮޑުކުރި ނަމަވެސް އެލެސާންޑްރޯ ބަސްޓޯނީ އަތުން ބައިކޮޅަށް ވަން ގޯލާއި ޕެރެޓްޒް ޖެހި ގޯލުން އިޒްރޭލް އަނެއްކާ އެއްވަރުކުރިއެވެ.
ރޭގެ މެޗުން އިޓަލީ މޮޅުވީ އިތުރު ވަގުތުގައި ސާންޑްރޯ ޓޮނާލީ ޖެހި ގޯލުންނެވެ.
ސްވިޑެން ރޭ ރަށުން ބޭރުގައި ކޮސޯވޯ ކައިރިން ބަލިވީ 2-0 އިންނެވެ.
މިހާތަނަށް ކުޅުނު ދެމެޗުން އެއް ޕޮއިންޓާއެކު ސްވިޑެން ގްރޫޕް ބީގެ ތިންވަނައިގައި އޮތް އިރު، އެ ގްރޫޕުގެ އެއްވަނައިގައި އޮތީ ސްވިޒަލޭންޑެވެ. ދެވަނައިގައި ދެމެޗުން ތިން ޕޮއިންޓާއެކު އޮތީ ކޮސޯވޯއެވެ.
ރޭގެ މެޗުގައި ކޮސޯވޯގެ ގޯލުތައް ޖެހީ އެލްވިސް ރެކްސްބެކާޖާއި ވެޑަޓް މުރިގީއެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން