އެތައް އިހުމާލަކުން، އެތައް ވައްކަމެއްގެ ތެރެއިން ފުޓުބޯޅަ އޮތީ ވަޅުޖެހިފައެވެ. މިދިޔަ ފަސް ވަރަކަށް އަހަރުވެސް ފުޓުބޯޅައިން ހަގީގީ އުފާވެރިކަމެއް އިހުސާސެއް ނުކުރެވެއެވެ. އެއް ކަމަކަށްފަހު އަނެއް ކަމެއްގެ ތެރެއިން ގޮސް ލީގު ހުއްޓި، ފުޓުބޯޅަ ދަރަނިވެރިވުން ފިޔަވައި އެހެން ކަމެއް ނުވެއެވެ. އެވާހަކަތައް ވަރަށް ގިނަ ފަހަރު ދެއްކިއްޖެއެވެ. ސާފް ޗެމްޕިއަންޝިޕެއްގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ގޮސް، ރާއްޖެ ސަރަހައްދީ ފެންވަރުގައިވެސް އަޑިއަޅާލީއެވެ.

މާޔޫސީ އެތައް ވާހަކައެއްގެ ސަބަބުން، ދިވެހި ފުޓުބޯޅައަށް ލޯބިކުރި އެތައް ބަޔަކަށް އުންމީދު ގެއްލިއްޖެއެވެ. ގައުމީ ޓީމު ގައުމީ ދަނޑުގައި މެޗެއް ކުޅޭތަން ނުފެނި، އެތައް ގޮތަކުން ސަޕޯޓަރުންނާ ގުޅުންވެސް ކެނޑިއްޖެއެވެ. އެ ހާލަތުގައި އޮތް ފުޓުބޯޅަ، މިހާރު އޮތީ އަނެއްކާވެސް އާ ފެށުމެއްގައެވެ. އެފްއޭއެމްއާ އާ ބަޔަކު ހަވާލުވެ، އާ ޕްލޭނެއް ހަދައިފިއެވެ. އެހެން ނަމަވެސް އެއީ އަދި ގަބޫލުކުރަން ދަތި ކަންތައްތަކެކެވެ. ސަބަބަކީ މީގެ ކުރިން އެތައް ވާހަކައެއް ދެއްކި ނަމަވެސް، އަމަލީ ސިފަ ނުފެނި އޮތުމެވެ.

އެވާހަކަތައް އެއް ފަރާތްކޮށް، ދިވެހި ގައުމީ ޓީމުގެ ހިތްވަރަށް ޖެހިލަމާ ހިނގާށެވެ. ފީފާ ފްރެންޑްލީ ދެމެޗުގެ ގޮތުގައި، ސްރީ ލަންކާއިން މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކަށް ހާއްސަ މުބާރާތެއް ރޭވީ، ދެތިން ޓީމެއްގެ މެދުގައި މެޗުތަކެއް ކުޅުމަށެވެ. ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ރޭވި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ހޯސްޓް ސްރީ ލަންކާ އެވެ. ލަންކާއިން ޓީމުތަކުގެ އަދަދު އިތުރުކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ނުވީއެވެ.

ކޮންމެއަކަސް، ދެޓީމުގެ ދެމެދުގައި ދެ ލެގު ކުޅެ، ޗެމްޕިއަން ޓީމު ކަނޑައަޅާ ގޮތަށް މުބާރާތް ބައްޓަންކޮށްފައިވާ އިރު، ފުރަތަމަ ކުޅުނު މެޗުގައި ރާއްޖެއިން ސްރީ ލަންކާގައި އެ ގައުމު، 3-0 އިން ބަލިކޮށްފިއެވެ.

އާ ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ގެ ފަރާތުން ފެނުނު ޖަޒުބާތަކީ ހަގީގަތުގައި މިވަގުތަށް އެ މޮޅު ރާއްޖެއަށް މުހިއްމުވި މިންވަރެވެ. 13 ނޮވެމްބަރު 2024 އަށްފަހު، ރާއްޖެ އަލަށް މޮޅުވުމުން އެ ކުރެވުނީ ހަގީގަތުގައިވެސް ޖަޒުބާތީ އިހުސާސެކެވެ. ފަސް މެޗުން ބަލިވެފައި އޮވެ، ވަރުގަދަވަމުން އަންނަ ލަންކާ ޓީމަކާ ދެކޮޅަށް ނުކުމެ، ޓީމުން ހޯދީ ވަރުގަދަ މޮޅެކެވެ.

ގަބޫލުކުރަންވެސް ދަތި މޮޅެއް، ކުޅުންތެރިންގެ ހިތްވަރާއި ރޫހަށް ސާބަސް

ގައުމީ ޓީމުން ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ގޯލުތައް ޖެހީ ނާއިޒް ހަސަން (ދާދު) އާއި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އަދި ބ. އޭދަފުއްޓަށް އުފަން އަލީ ފާސިރު (ސެންޓޭ) އެވެ. ކަން ދިމާކުރި ގޮތުން، އެމެޗު ބަލަން އިނދެވުނީ އޭދަފުށީގަ އެވެ. ނަތީޖާ އައި ހިސާބުން، ކުރީން ގައުމީ ޓީމަށް ކުޅެފައިވާ އޭދަފުށީގެ ލެޖެންޑަކު، ކުއްލިއަކަށް ބުނީ "މިއީ ގަބޫލުކުރަންވެސް ދަތި، ވަރުގަދަ މޮޅެއް،" ކަމަށެވެ.

އެއީ ހުރިހާ ދިވެހީންގެވެސް އިހުސާސް ހުރި ގޮތެވެ. ލީގު ނުކުޅެ އެތައް ދުވަހަކު ތިބެފައި ގޮސް، ކުޅުންތެރީން ދެއްކީ ތަފާތު ރޫހެކެވެ. ކޯޗު މޯހަންގެ ޝުކުރުވެސް ރައްދުކުރީ ކުޅުންތެރީން ކުރި މަސައްކަތާއި ގައުމީ ޓީމަށްޓަކައި އެ ދެއްކި ޖޯޝަށެވެ.

މޯހަންގެ އެ ވާހަކައަށް ތަޖުރިބާކާރުންވެސް އެއްބަސްވެއެވެ. ޕީއެސްއެމްއިން ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ދެވަނަ މެޗަށް ތައްޔާރުވާން ރޭ ގެނެސްދިން ހާއްސަ ޕްރީ ޝޯގައި ވާހަކަ ދައްކަމުން ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ގައުމީ ޒުވާން ޓީމުގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ބުނީ އަހަރެއްހައި ދުވަހު ލީގު ނުކުޅެ ތިބި ނަމަވެސް، ކުޅުންތެރިން އަތޮޅު ތެރޭގެ އެކި ހިސާބުތަކުގައި ކުޅެގެން، މަސައްކަތް ކުރި ކަމަށެވެ.

"ކުޅުންތެރިންގެ އިތުބާރު އެންމެ ފުރަތަމަ ކަމަކަށްވެސް ފާހަގަކޮށްލަން. ކުޅުންތެރިން އިތުބާރާއެކު ކުޅުނުތަން ފެނިގެން ދިޔައީ. ދެން އެމީހުންގެ ފުޓުބޯޅަ ހުރިހާ ގޮތަށް ބެލިޔަސް، ރާއްޖެއަށްވުރެ އެކްޓިވްކޮށް މިދިޔައީ. އެސޯސިއޭޝަނުގައި ދިޔަ ކަންތައްތަކަށްފަހު، ރާއްޖެ މިއޮތީ އާ މަރުހަލާއެއްގައި. މި ވަގުތަށް މި ނަތީޖާއަކީ ފުޓުބޯޅައަށް ލޯބިކުރާ، އަބަދުވެސް އުންމީދުކުރާ ސަޕޯޓަރުންތަކަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ސޮބާ ބުންޏެވެ.

29 އޮގަސްޓް 2025، ދިވެހިރާއްޖޭގެ ގައުމީޓީމުގެ ޕްރެކްޓިސްގެ ތެރެއިން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ސޮބާ ބުނީ ލަންކާއިން ތިބީ ރާއްޖެ ބަލިކުރަން ތައްޔާރަށް ކަމަށާއި، އެ ފުރުސަތު ނުލިބުމުން އެއީ ދިވެހީންނަށް ލިބުނު ބޮޑު އުންމީދެއް ކަމަށެވެ.

މޯހަންގެ ކުރީން އެންމެފަހުން ގައުމީ ޓީމުގައި ހުރި ކޯޗު، އަލީ ސުޒޭންވެސް އެ ޝޯގައި ފާހަގަކުރީ ރާއްޖޭގެ ޓީމުން ހޯދި މޮޅުން، ސަޕޯޓަރުންނަށް ބޮޑު އުންމީދެއް ގެނެސްދީފި ކަމަށެވެ.

"ދިިވެހި ސަޕޯޓަރުން އެ މެޗުގައިވެސް ވަރަށް ބޮޑު ރޫހެއް ގެނުވި. އާއްމުކޮށް ލަންކާގައި ދިވެހި ސަޕޯޓަރުން ދޭ ފޯރި، އެމެޗުގައިވެސް ފެނިގެން ދިޔަ. އަޅުގަނޑު އެދެނީ (މިއަދުވެސް) އެ ސަޕޯޓު ޓީމަށް ދިނުން. ފުޓުބޯޅައިގެ މިހާލާތުގައި ވަރަށް ރަނގަޅު ނަތީޖާއެއް އެ ހޯދީ. އެ ނަތީޖާގެ ސަބަބުން ދިވެހިން އަނެއްކާވެސް ފުޓުބޯޅައާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެއްޖެ. މިއަދު މާލެއިން ކޮލަމްބޯއަށް ދިޔަ ފްލައިޓްތަކުގައި ގިނަ އަދަދެއްގެ ދިވެހީން ޓީމަށް ސަޕޯޓު ދޭން ލަންކާއަށް ދިއުން އެއީ އެކަމުގެ ހެއްކެއް. ލަންކާ އަތުން، ކޮލަމްބޯގައި ބޮޑު މޮޅެއް ހޯދުމަކީ މިދަނޑިވަޅުގައި އާދައިގެ ކަމެއް ނޫން،" ސުޒޭން ބުންޏެވެ.

ކެތްތެރިކަމާއެކު 90 މިނެޓަށް: މުސްތަގުބަލަށް އެޅޭނެ ފިޔަވަޅެއް

ރާއްޖެއާއި ލަންކާ ވާދަކުރި ފުރަތަމަ މެޗުގެ ތެރެއިން ---

"އަހަރެމެން މި ނަތީޖާއަށް އެކަންޏެއް ނުވިސްނާނަން. ދެން އޮތް މެޗު މުހިއްމުވާނީ. އަނެއް މެޗަށް ނުކުންނަ އިރު، މި މެޗުގެ ނަތީޖާ އަހަންނެއް ނުގުނާނަން. އެ މެޗުގެ ނަތީޖާ އަހަރެމެންނަށް ދެން މުހިއްމުވާނީ،" އެންމެފަހު މެޗަށްފަހު މޯހަން ވަރަށް ސާފުކޮށް ބުންޏެވެ.

ރަނގަޅެވެ. ލަންކާ ކައިރިން ރާއްޖެ ބަލި ނުވާތާ 23 އަހަރު ވެއްޖެއެވެ. އެންމެފަހުން ސްރީ ލަންކާއިން ރާއްޖެ ބަލިކުރީ 2002 ވަނަ އަހަރުއެވެ. އެހެންކަމުން މުހިއްމީ އެގްރިގޭޓް ނަތީޖާއެއްވެސް ނޫނެވެ. މުހިއްމީ އަދިވެސް ލަންކާ ބަލިކޮށް، ދިވެހި ކުޅުންތެރިންގެ ހުނަރު ސަރަހައްދީ ފެންވަރުގައި ސާބިތުކޮށްދިނުމެވެ.

އެ މެސެޖަށް އަދި 90 މިނެޓް އެބައޮތެވެ. މިއަދު ރާއްޖެއިން ލަންކާއާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން ހަވީރު 5:15 ގައެވެ. އެމެޗުން ލަންކާ ބަލިކޮށް، މިވަގުތަށް ތަށި ނެގުން މުހިއްމުވާއިރު، އެ ކާމިޔާބީއަކީ ބޮޑު ފިޔަވަޅަކަށް ވެދާނެއެވެ. ހާއްސަކޮށް އުންމީދު ގެއްލިފައި ތިބި އެތައް ބަޔަކަށް ހޯދައިދެވޭނެ ދިރުމަކަށް ވާނެއެވެ. މެޗު ނުބަލަން ޓީވީއަށް ފުރަގަސްދީގެން ނުފާޑަކަށް މަޑުމަޑުން އަޑު އަހަން ތިބި ސަޕޯޓަރުން ޓީވީއާ ދިމާލަށް އަނބުރާލުމަށް ފުޓުބޯޅައަށް މިވަގުތު "އުފާވެރި ވަގުތުކޮޅެއް،" ބޭނުންވެއެވެ. އެ ވަގުތުކޮޅަށް އެތައް ދިވެހީންނެއް އިންތިޒާރުކުރެއެވެ. އެއީ ޓީމުން ހޯދައިދިން އިތުބާރުންނެވެ.

ތެދެކެވެ. ލަންކާ ދެމެޗުން ބަލިކޮށްފައި އައި ނަމަވެސް، އެއީ ފުޓުބޯޅައިގެ ބޮޑު މަންޒަރު ސާފުވެ، ރާއްޖެ އެންމެ އުހަށް އެރީކީ ނޫނެވެ. އެހެން ނަމަވެސް، އެއީ ބަދަލަކަށް މަސައްކަތް ކުރުމުގައި އެހީތެރިކަމަކަށް ވާނެއެވެ. ހާއްސަކޮށް ދިވެހީން ޓީމަށް ކުރިން ދިން ލޯބި ހޯދުމުގެ އާ ބާބަކަށް އެކަން ވެގެންދާނެއެވެ.