ބ. އޭދަފުށީގައި ކުރިއަށްދާ އޭދަފުށި ކަޕް 2025 ގައި ހުސް ސޮނގުން އެފްޓީން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް، ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލް ޔަގީން ކޮށްފިއެވެ.
އޭދަފުށީ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި އާޖީލަކަށް އޭދަފުށި ފުޓްބޯލް އެކަޑެމީ ކައިރިން ހުސް ސޮނގުން މޮޅުވީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިހާތަަނަށް ގްރޫޕް ބީގައި ކުޅުނު ދެމެޗުވެސް ހުސް ސޮނގުން ޓީމުން ކާމިޔާބުކޮށްފައިވާ އިރު، މިއަދުގެ މެޗަކީ އާޖީލަކަށް އޭދަފުށިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އާޖީލަކަށް އޭދަފުށި ޓީމަކީ، އެއް ކުޅުންތެރިއެއް ފިޔަވާ ދެން ތިބި ހުރިހާ ކުޅުންތެރިންވެސް 16 އަހަރުން ދަށުގެ ޓީމެކެވެ.
ޒުވާން ޓީމު ކައިރިން ހުސް ސޮނގުން ފަސޭހަ މޮޅެއް ހޯދި އިރު، ފުރަތަމަ ހާފުގައި އެޓީމުން ތިން ގޯލު ޖެހިއެވެ. އިބްރާހީމް އޮލަޑިމޭޖީ ޖިމޯއާއި އަލީ އިރުފާދު (އިރުއްޕެ) އަދި ޝާފިއު މުހައްމަދު އެޓީމުގެ ގޯލުތައް ކާމިޔާބުކުރި އިރު، އެޓީމުން އުފެއްދި އަނެއް ހަމަލާތައް މަތަކުރީ އާޖީލަކަށް އޭދަފުށީގެ ގޯލްކީޕަރު، އުމުރުން އެންމެ 13 އަހަރުގެ އަލީ ނައުހާން މޫސާ އިމްރާނެވެ.
ނައުހާން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.
ދެވަނަ ހާފުގައި ހުސް ސޮނގުންގެ ބިދޭސީ ފޯވަޑް އިބްރާހީމްގެ ދެ ގޯލާއެކު އޭނާ ހެޓްރިކް ފުރިހަމަކުރި އިރު، އަނެއް ގޯލުތައް ޖެހީ މުހައްމަދު އަޖުފާނާއި ސާއިދް އަބޫބަކުރެވެ.
މެޗުގައި އާޖީލަކަށް އޭދަފުށިން ޖެހި ހަމައެކަނި ގޯލަކީ، ހިތްގައިމު ހިލޭ ޖެހުމެއްގައި މުހައްމަދު އާލަމް އަކްރަމް ޖަހައިދިން ގޯލެކެވެ.
މިފަހަރުގެ އޭދަފުށި ކަޕުވެސް ކުރިއަށް ދަނީ ހަ ޓީމާއެކުގައެވެ. ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖު ކުރިއަށްދާ އިރު، ވެލާ ސްޕޯޓްސް ކްލަބާއި އާއި އިރުމަތީ އެފްސީގެ އިތުރުން ދެން ގްރޫޕް އޭގައި ހިމެނެނީ ޓީމް މިޑްލް އީސްޓެވެ.
ގްރޫޕް ބީގައި ހުސް ސޮނގުން ފުޓުބޯޅަ ޓީމާއި ސީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އާޖީލަކަށް އޭދަފުށި ފުޓުބޯޅަ އެކަޑެމީ ހިމެނޭ އިރު، މާދަމާ އޮންނަ ގްރޫޕް އޭގެ ފަހު މެޗުގައި އިރުމަތި އެފްސީ ނުކުންނާނީ މިޑްލް އީސްޓާ ދެކޮޅަށެވެ.
އޭދަފުށި ކަޕް
އޭދަފުށި ކަޕް
އޭދަފުށި ކަޕް