ބ. އޭދަފުށީގައި ކުރިއަށްދާ އޭދަފުށި ކަޕް 2025 ގެ ސެމީ ފައިނަލް ފުރަތަމަ ޖާގަ، ވެލާ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
އޭދަފުށީ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ ދެވަނަ މެޗުގައި ވެލާއިން ވަނީ 10-1 ގެ ނަތީޖާއަކުން ޓީމް މިޑްލް އީސްޓް ބަލިކޮށްފައެވެ.
ވެލާއިން ފުރަތަމަ ކުޅުނު މެޗުގައި އިރުމަތި އެފްސީ ކައިރިން 2-0 އިން ބަލިވެފައި އޮތް ނަމަވެސް، މިއަދުގެ ނަތީޖާއާއެކު އެޓީމުން ވަނީ ސެމީ ޔަގީން ކޮށްފައެވެ. ވެލާއަށް ދެމެޗުން 10 ޕޮއިންޓާއެކު ފައިދާ ހަތް ގޯލު ލިބިފައިވާ އިރު، ދެން ދެވަނައިގައި އޮތް އިރުމަތި އެފްސީއަށް ވަނީ ފުރަތަމަ މެޗުން ތިން ޕޮއިންޓް ލިބިފައެވެ. އެޓީމު އަތުގައި އޮތީ ފައިދާ ދެ ގޯލެވެ.
އެ ގްރޫޕުގައި ދެން ބާކީ އޮތީ އިރުމަތި އެފްސީއާއި މިޑްލް އީސްޓް ބައްދަލުކުރާ މެޗު ކަމަށްވާ އިރު، ގްރޫޕުން ދެން ސެމީއަށް ދާ ޓީމު ކަށަވަރު ވާނީ އެމެޗުންނެވެ. އެމެޗުން އެއްވަރު ކޮށްލައިގެންވެސް އިރުމަތި އެފްސީއަށް ގްރޫޕްގެ އެއްވަނައާއެކު ސެމީ ޔަގީންވާނެއެވެ. އަދި އެމެޗުން ދެ ގޯލުގެ ފަރަގަކަށްވުރެ ކުޑަކޮށް ބަލިވި ނަމަވެސް، އިރުމަތި އެފްސީއަށް ސެމީގެ ފުރުސަތު އޮންނާނެއެވެ. އެއީ މިޑްލް އީސްޓް ކޮޅަށް މިއަދު 10 ގޯލު ވަދެފައިވާތީއެވެ. ޕޮއިންޓް އެއްވަރުވެއްޖެ ހާލަތެއްގައި ދެން ބަލަން ޖެހޭނީ ފައިދާ ގޯލަށެވެ.
ވެލާއަށް ގްރޫޕްގެ އެއްވަނަ ލިބޭނީ އިރުމަތި އެފްސީއަށް ފަހު މެޗުން ޕޮއިންޓެއް ނުލިބިއްޖެނަމަ އެކަންޏެވެ.
މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފުރަތަމަ ހާފުގައި ވެލާއިން ދެ ގޯލު ޖެހި އިރު، އެ ގޯލުތައް ޖެހީ އަލީ ނަސޫހް ރަޝީދު (ޕިލާ) އާއި މުހައްމަދު ފަޔާޒެވެ. އޭގެފަހުން ދެވަނަ ހާފުގައި ހުސައިން ޝަރީފް (މުޑާ) ހެޓްރިކް ފުރިހަމަ ކުރި އިރު، ދެން ވެލާގެ ގޯލުތައް ޖެހީ އަކްރޯރް އުމަރްޖަނޯވާއި މުހައްމަދު ޝާން އަބްދުލް ގަފޫރު، އަބްދުލް މަޖީދު (މަޖިއްޓެ) ގެ އިތުރުން އަހުމަދު ސުހައިލް (ބަންބުޗް) އަދި ބަދަލަކަށް ނުކުތް އަލީ ރީހާނެވެ.
މެޗުގައި މިޑްލް އީސްޓްގެ ހަމައެކަނި ގޯލު ޖެހީ ރުޝްދާން އިބްރާހީމެވެ.
މިފަހަރުގެ އޭދަފުށި ކަޕުވެސް ކުރިއަށް ދަނީ ހަ ޓީމާއެކުގައެވެ. ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖު ކުރިއަށްދާ އިރު، ވެލާއާއި އިރުމަތީ އެފްސީގެ އިތުރުން ދެން ގްރޫޕް އޭގައި ހިމެނެނީ މިޑްލް އީސްޓެވެ.
ގްރޫޕް ބީގައި ހުސް ސޮނގުން ފުޓުބޯޅަ ޓީމާއި ސީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އާޖީލަކަށް އޭދަފުށި ފުޓުބޯޅަ އެކަޑެމީ ހިމެނޭ އިރު، މާދަމާ އޮންނަ މެޗުގައި ވާދަކުރާނީ ހުސް ސޮނގުންނާއި އާޖީލަކަށް އޭދަފުށި އެކަޑެމީއެވެ.
އޭދަފުށި ކަޕް
އޭދަފުށި ކަޕް
އޭދަފުށި ކަޕް
މެޗަކުން މޮޅުވާއިރަށް 10 ޕޮއިންޓް..
ޗެލްސީ - 9 މަސް ކުރިން