ސްރީލަންކާގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ފުރަތަމަ މެޗުގައި ސްރީ ލަންކާ ކައިރިން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު އިއްޔެ ހޯދި ބޮޑު މޮޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި ޓީމަށް މަރުހަބާ ވިދާޅުވެ، ހިތްވަރުދެއްވައިފިއެވެ.

ޖުމުލަ ދެ ޓީމު ވާދަކުރާ ފްރެންޑްލީ މުބާރާތެއްގެ ގޮތުގައި ސުޕަ ކަޕް ލަންކާގައި ކުރިއަށް ގެންދާ އިރު، އިއްޔެ ފުރަތަމަ ލެގުން ރާއްޖެ މޮޅުވީ 3-0 އިންނެވެ. އެއީ ގައުމީ ޓީމުން ކުޅުނު މިދިޔަ ހަ މެޗުން ހޯދި ފުރަތަމަ މޮޅެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ގޯސްކޮށް އޮއްވައި ޓީމުން އިއްޔެ ހޯދި މޮޅާއެކު، ސުޕަ ކަޕް ތަށި ހޯދަން ދެން ރާއްޖެއަށް އޮތީ ފަސޭހަ މަގެކެވެ. އެއީ މިމަހުގެ ނުވަވަނަ ދުވަހު ލަންކާގައި އޮންނަ ދެވަނަ މެޗުގައި 3-0 އިން ބަލިނުވެ، ލަންކާ ހިފަހައްޓާލައިގެންނެވެ.

ރައީސް އޮފީހުން ބުނީ، ރައީސް މުއިއްޒު މިއަދު ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ފޯނުން ގުޅުއްވައި، އިއްޔެ ކުޅުނު މެޗުން ޓީމު ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވި ކަމަށެވެ. އަދި ކުރިއަށް އޮތް މެޗުގައި ކާމިޔާބީ ހޯދުމަށް ހިތްވަރާއެކު މަސައްކަތްކުރުމަށް އެދިވަޑައިގެންނެވި ކަމަށްވެސް ރައީސް އޮފިހުން ބުނެފައިވެއެވެ.

އޭގެ އިތުރުން ފުޓްބޯޅައިގައި ދިވެހި ގައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ގައުމީ ޖޯޝާއެކު މަސައްކަތް ކުރެއްވުމަށްވެސް ރައީސް އެދިވަޑައިގެނެނެވިއެވެ.

ރައީސްގެ ފޯނު ކޯލުގައި މޯހަން ބުނީ ރައީސް ޓީމަށް ގުޅުއްވައި މަރުހަބާ ވިދާޅުވުމަކީ ޓީމަށް ލިބުނު އިތުރު އުފަލަކާއި ހިތްވަރެއް ކަމަށެވެ. އަދި ރައީސް އެދިވަޑައިގެންނެވިގޮތަށް ދިވެހި ފުޓުބޯޅައަށާއި ރައްޔިތުންނަށްޓަކައި ފުޓްބޯޅައަށް ރީތިނަން ހޯދައިދިނުމަށް ކުރިއަށް އޮތް މެޗުގައި އިތުރަށް ހިތްވަރުކޮށް، ޓީމުގެ އުއްމީދަކީ ތަށި ކާމިޔާބުކުރުން ކަމަށްވެސް ކޯޗު މޯހަން ބުންޏެވެ.