މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު މައްސަލައަަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ، ސީރީންމަންޒިލް، މުހައްމަދު ލަމީރު (29އ) އާއި ލ. ގަން، ތުނޑި، އަރާއިރު، އަލީ ހައިސަލް (37އ) އެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިމްމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އަލީ ހައިސަލްގެ ބަންދަށް ހަތަރު ދުވަސް އަދި މުހައްމަދު ލަމީރުގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ފޭސްބުކް މެސެންޖާއިން މީހަކާ ވާހަކަދައްކައި އެ މީހާގެ އޮރިޔާން ވީޑީއޯ ހުރި ކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެއަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކޮށް އަދި ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑު ކުރާ ކަމަށް މިއަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ ދެ މީހުން ދިރިއުޅޭ އެޕާޓްމެންޓުން ކަމަށް ފުލުހުން ބުންޏެވެ.

އެ އެޕާޓްމެންޓް ބަލައި ފާސްކުރިި އިރު އެތަނުން ތިން މޯބައިލް ފޯނު، ތިން އަތުކުރި ގަޑި، އެއް ޑްރޯން، އެއް ދޮށި، ދެ އަވިއައިނު އަދި ރިހި ފަށަކާއި ރިހި އަނގޮޓިއެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އެ ހުރިހާ ތަކެއްޗަކީ ވެސް އެކި މީހުންގެ އަތުން ފޭރިފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށާއި އެތަކެތީގެ އިތުރުން އެޕާޓްމެންޓުން ހަ ވަޅިއެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މީހުންނާ ވާހަކަދައްކައި އޮރިޔާން ވީޑިއޯ ހުރި ކަމަށް ބުނެ ބިރުދައްކައިގެން، މުހައްމަދު ލަމީރު އާއި އަލީ ހައިސަލް ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، ވީޑިއޯކޮށް އަދި ފައިސާ ހޯދާފައިވާ އިތުރު ދެ މައްސަލަ ވެސް ރިޕޯޓުކޮށްފައިވޭ" ފުލުހުން ބުންޏެވެ.

އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެމީހުން، އިތުރު މީހުންނަށް ވެސް ބިރުދައްކައިގެން ފޭރިފައިވާ ކަމަށް ބެލެވޭތީ، އެ މީހުންގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ދިމާވެފައިވާ އެއްވެސް މީހަކު ވާނަމަ ރިޕޯޓު ކުރުމަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ.