ބޮކްސް ތެރޭގައި 250 ގްރާމް ޑްރަގް ފޮރުވައިގެން އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކޮށްފައި ވަނީ އަހުމަދު ޒާހިދު (50އ)، ސ. މަރަދޫ، ނަރުގިސްމާގެއެވެ. ފުލުހުން އޭނާއަށް ކުރަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށުގެ ތުހުމަތެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފައެވެ.
ކޯޓުން، ޒާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފައިވަނީ އޭނާއަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ގަރީނާ ހުށަހަޅާފައިވާތީއެވެ. އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީއެވެ.
އަމުރުގައި އިތުރަށް ބަޔާންކޮށްފައިވަނީ ކަސްޓަމްސްގެ ލިޔުންތަކާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާނަށް ބެލުމުން، ޒާހިދު، ރާއްޖެ އައި އިރު ލައިގެން ހުރި ބޮކްސާ ތެރެއިން މަސްތުވާތަކެތި ފެނިފައިވާކަން ފާހަގަކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ފެނިފައިވާ ތަކެތީގެ ބަރުދަނުގައި 250 ގްރާމް މެފްޑްރޯން ހުރި ކަމަށް ލިޔުންތަކުގައި ފާހަގަކޮށްފައިވާ ކަމަށް އަމުރުގައި ބުންޏެވެ.
ޒާހިދު، ކޯޓުގައި ބުނެފައިވަނީ މި މައްސަލައިގައި ހިމެނޭ އަސްލު މީހާ ހޯދުމަށް ފުލުހުން މަސައްކަތް ނުކުރާ ކަމަށެވެ.
ޒާހިދުއަކީ މީގެ ކުރިން އެކި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށް، އެކި ފަހަރުމަތިން ބަންދު ޖަހައިފައިވާ މީހެކެވެ.
މުހައްމަދު އިޝާން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން