ދެކުނު އޭޝިއާގެ ސުޕަ ކަޕްގެ ނަމުގައި ސްރީ ލަންކާއިން ކުރިއަށް ގެންދާ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން 3-0 އިން ސްރީ ލަންކާ ބަލިކުރުމުން، އެ މެޗުގައި ސަޕޯޓަރުންގެ ތަރުހީބު ނުލިބޭ ކަމަށް ބުނެ، ލަންކާ ކޯޗު އަބްދުﷲ އަލް މުތައިރީ ނުރުހުން ފާޅުކޮށްފިއެވެ.
ދެކުނު އޭޝިއާ ސުޕަ ކަޕްގައި ރާއްޖެއާއި ލަންކާ ވާދަކުރާ އިރު، އެ މުބާރާތުގައި ކުޅޭނީ ޖުމުލަ ދެމެޗެވެ. އެގްރިގޭޓް ނަތީޖާއަށް ބަލައި ދެމެޗުން ޗެމްޕިއަން ކަނޑައަޅައި މުބާރާތުގެ ފުރަތަމަ ލެގުގައި އިއްޔެ ރާއްޖެއިން ލަންކާ ބަލިކުރީ އެގައުމުގެ ރޭސްކޯސް ސްޓޭޑިއަމްގައެވެ.
މެޗު ބެލުމަށް ވަން ރާއްޖޭގެ ސަޕޯޓަރުންގެ ފަރާތުން ފޯރިއާއެކު ސަޕޯޓް ކުރިތަން ފެނިގެން ގޮސްފައިވާ އިރު، މެޗުން "ނެގެޓިވް" ކަމެއްގެ ގޮތުގައި ފާހަގަކުރާނީ އެކަންތައް ކަމަށް ކުރިން ނޭޕާލަށް ކޯޗުކަން ކޮށްދިން، މިހާރު ލަންކާގެ ކޯޗު މުތައިރީ މެޗަށްފަހު ބުނެފައިވެއެވެ.
"މެޗުން ނަގާނެ ނެގެޓިވްއަކީ އަހަރެމެން ހޯމްގައި ކުޅުނުއިރު، ލަންކާ ސަޕޯޓަރުންނަށްވުރެ ރާއްޖޭގެ ސަޕޯޓަރުން ގިނަކަން. އަހަރެމެންނަށް އިހުސާސްވާން ޖެހޭ މިއީ އަހަރެމެންގެ ދަނޑުކަން. ރާއްޖޭ ސަޕޯޓަރުންގެ އަޑު ހުރީ މުޅި ސްޓޭޑިއަމްގައިވެސް. އަހަރެމެންގެ ސަޕޯޓަރުން އައިސް އިށީންދެގެން ތިބީ. ދެވަނަ މެޗުގައި އަހަރެމެން ޖެހޭ މިކަންކަން ބަދަލުކުރަން. އޭޝިއާ ކަޕަށް ކޮލިފައިވާނަމަ، އަހަރެމެން ހުރިވަރެއް ދައްކާލަން ޖެހޭނެ،"
އަބަދުވެސް ޖަޒުބާތީ ގޮތެއްގައި ވާހަކަ ދައްކާ މުތައިރީ އިތުރަށް ބުނީ މެޗުން ބަލުވުމަކުން މައްސަލައެއް ނެތް ކަމަށާއި، އިއްޔެގެ މެޗުގައި ލަންކާއަށް ގޯލު ޖެހުމުގައި ނަސީބު އެހީނުވީ ކަމަށެވެ.
"އަހަރެމެންނަށް ވަރަށް ފަސޭހަ ފުރުސަތުތަކެއް ގެއްލިގެން ދިޔަ. އެހާ ފަސޭހައިން ފުރުސަތުތައް ނަގާލާނަމަ، އޭގެ ސަބަބުން ގެއްލުން ދައްކާނެ. އަހަރެންގެ ކުޅުންތެރިންނާ ދޭތެރޭ ފަހުރުވެރިވޭ. ކުޅުނު ކުޅުން ވަރަށް ރަނގަޅު. އަހަރެމެންނަށް ނަސީބު އެހީނުވީ. ހާއްސަކޮށް ފިނިޝިންގައި އަހަރެމެންގެ ނަސީބެއް ނެތް. އެއީ މައްސަލައެއް ނޫން. އަދި އެބައޮތް 90 މިނެޓް. އަހަރެމެން އިރާދަކުރެއްވިއްޔާ އެނބުރި އަންނާނަން ދެވަނަ މެޗުގައި،" މުތައިރީ އިތުރަށް ބުންޏެވެ.
އިއްޔެގެ މޮޅާއެކު ރާއްޖެއިން އެ މުބާރާތް ކާމިޔާބުކުރުމާ ގާތަށް ޖެހިލި އިރު، އަނެއް ލެގު އޮންނާނީ ނުވަވަނަ ދުވަހުއެވެ. އެމެޗުވެސް އޮންނާނީ ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ